މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އޭޕްރީލް މަހުން ފެށިގެން ކާޑުގެ ބާވަތްތަކުން އަގު ހެޔޮވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލު ގާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު ކަމަށާއި އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

"މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާޑުގެ އަގު އޭޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ" ރައީސް ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން މާލެއާއި ދުރު ރަށްރަށުގައި ވިއްކާ ކާޑުގެ އަގުތައް ތަފާތެވެ. ތިން ޒޯނަކަށް ރާއްޖެ ބަހާލުމަށްފަހު ކާޑު ވިއްކަމުންދާއިރު، އެންމެ އަގުބޮޑުކޮށް ވިއްކަމުން ދަނީ ދެކުނަށެވެ.

ކާޑުގެ ބާވަތްތައް ރަށްރަށުގައި ވެސް ވިއްކޭނެ އެންމެ މަތީއަގު ވަނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފަ އެވެ. އެގޮތުން ޒޯން އެކެއް (ހއ، ހދ، ށ) ގައި ހަނޑޫ ކިލޯއެއް ވިއްކަނީ 7.78 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް 7.82 ރުފިޔާ އަށް ވިއްކާއިރު، ފުށް ކިލޯއެއް ވިއްކަމުން ދަނީ 6.28 ރުފިޔާއަށެވެ.

ޒޯން ދޭއް (ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ ދ، ތ) ހިމެނޭ އަތޮޅުތަކަށް ހަނޑޫ ކިލޯއެއް ވިއްކަނީ 7.58 ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް 7.62 ރުފިޔާ ވިއްކާ އިރު، ފުށް ކިލޯއެއް ވިއްކަނީ 6.08 ރުފިޔާއަށެވެ.

އަދި ޒޯން ތިނެއް (ލ، ގއ، ގދ، ޏ، ސ) ގައި ހިމެނޭ އަތޮޅުތަކަށް ހަނޑޫ ކިލޯއެއް 7.97 ރުފިޔާ އަށް ވިއްކަމުންދާއިރު، ހަކުރު ކިލޯއެއް ވިއްކަނީ 8.01 ރުފިޔާ އަށް އަދި ފުށް ކިލޯއެއް ވިއްކަނީ 6.47 ރުފިޔާއަށެވެ. މި އަގުތައް ހިމެނުމުގައި މަޖޫރީންގެ އަގާއި ކާޑު އުފުލާ ބޯޓު ފަހަރަށް ނަގާ ނާލު އަދި އެހެނިހެން ހަރަދުތައް ވެސް ހިމަނާފައިވެއެވެ.