ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން، ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަށް ބޭނުންވެފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުންފުނިތަކުގެ ހަރަދުތައް އަތް ނުފޯރާވަރަށް މައްޗަށް ގޮސް، އިންތިހާއަށް ދަރަނި އިތުރުވެ، މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި، ހިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"ގައުމުގެ އިގްތިސާދީ ސިޔާސަތަށް ބަލާއިރު، އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވޭ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތަކަށް ލޮޅުން އަރާފައިވޭ" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކަށް ހެއްދެވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވިސްނުންފުޅުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދިނުމަށް، މިދިޔަ މަހު ގާއިމުކުރި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، އަންނަ މަހުން ފެށިގެން އެސްއެމްއީ ލޯނު ދޫކުރަން ފަށާނެ. އަދި އެ ކުންފުންޏަށް މި އަހަރުގެ ތެރޭގައި ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދައިދީ، ރަނގަޅު އަގު ހޯދައި ދިނުމަށްޓަކައި، އެކްސްޕޯޓް ކައުންސިލެއް އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް، ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދުމުގެ މަސައްކަތް، އެ ކައުންސިލް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތަރައްގީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަންޏެއް ނޫން. ސިޔާސީ ވިސްނުމާ ދުރު، އަމިއްލަ ކުންފުނިތަކުގައި، ތަރައްގީގެ ވިސްނުން މާ ފުންވެފައި، މުއްސަނދިވާނެ. ރާއްޖެ ތަރައްގީކޮށްދޭނެ މަޝްރޫއުތައް، އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވަނީ ގާއިމުކުރެވިފައި" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ތަރައްގީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ، އެގޮތުން، ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ގައުމީ ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ފައިސާ ހޯދައި މެނޭޖް ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށްޓަކައި، "ގަވާމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ގާއިމުކުރެވިގެންދާނެ. މި ނިޒާމުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހުރެ ނުހެދި ހުރި ރަށްތައް ތަރައްގީކުރާނެ ފައިސާ ވެސް ހަމަޖައްސައި ދެވޭނެ" ރައީސް ވިދާޅުވިއެވެ.