މި ހިނގަމުންދާ 2019 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 803 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ފުރަަތަމަ ރިޔާސީ ބަޔާނުގައި ރާއްޖޭގެ މަލީ ހާލަތު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ މިހާރުގެ އިގްތިސާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދީ ދުވެލި، މިއަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، ނަމަވެސް، މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

"މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް. މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު" ރައީސްގެ ފުރާތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ، އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ކަމަށާއި، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ހާސިލްކުރެއްވޭނެ ކަމަށެވެ.

ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 25.5 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި، އެހެންކަމުން، މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ހުރީ 47.9 ބިލިއަން ރުފިޔާ ކަމަށާއި، މިއީ ޖީޑީޕީގެ ނިސްބަތުން 58 އިންސައްތަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއްކަން ފާހަގަ ކުރައްވާ މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން. ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތައާރަފް ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ނޫ އިގްތިސާދު" ގެ ތަސައްވުރަކީ އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫއުތައް އަވަހަށް ނިންމަވާ، އުފެއްދުންތެރިކަން ކުރިއަށް ޖައްސުވާ، އިގްތިސާދީ އާ މަޝްރޫއުތަކަށް ވެސް ޖާގަދިނުން ކަމަށެވެ.