އަލަށް އާސަންދަ ހިދުމަތް ދޭން ރާއްޖެއިން ބޭރުގެ ތިން ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފިއެވެ.
އާސަންދައިން ބުނީ އާސަންދައިގެ ހިދުމަތް ދިނުމަށް އަބޫދާބީގެ ހޮސްޕިޓަލަކާއި، ބެންކޮކް ދެ ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފައި ވާކަމަށާއި، އެއީ އެއީ އަބޫދާބީގެ ބުރްޖީލް މެޑިކަލް ސިޓީއާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލްގެ އިތުރުން ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލް ކަމަށެވެ.
އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ވަކި އޫސުލެއްގެ ދަށުން މި ހޮސްޕިޓަލް ތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދައިގެ ހިދުމަތް ފުޅާކޮށް އިތުރު ގައުމުތަކުން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަށްފަހުއެވެ. އެގޮތުން އާސަންދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ ހަމައެކަނި ވަކި ގައުމަކުން ނުވަތަ މަދު ގައުމަކުން ކަމަށް އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށާއި، އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީއާ ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ވަކި ގައުމަކުން ބޭސް އެތެރެ ކުރުން ނިމުމަކަށް ގެނެއުމަށް ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެ ކުރަން ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.