ޗާގޯސް (ފޯޅަވަހި) ގެ ސިޔާދަތީ ބާރުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް، އިނގިރޭސި ބޮޑުވަޒީރު އެންޑްރޫ ބާނަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި، އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅެއްގައި، ޗާގޯސް މޮރިޝަސް އަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ މެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

އެ ސިޓީފުޅުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީހީ އަދި ސަގާފީ ގުޅުމުގެ އިތުރުން، އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށާއި ސައިންސީ ދިރާސާތަކަށް ރާއްޖެއިން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރައްވަމުން، އިނގިރޭސިވިލާތާއެކު އިތުބާރުހުރި، އެކުވެރި ބަދަހި ގުޅުމެއް ބޭއްވެވުމަށް ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮތްކަމަށް ރައީސްގެ ސިޓީގައި ވިދާޅުވިއެވެ. ދުނިޔޭގެ މަސްރަހު ނާޒުކު ހާލަތެއްގައިވާ މިފަދަ ދަނޑިވަޅެއްގައި، ދެގައުމުގެ މެދުގައި ބޭއްވޭ މާނަވީ މަޝްވަރާތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުތަކުގެ މައްސަލައިގައި އިނގިރޭސިވިލާތާއެކު ސީދާ މަޝްވަރާކުރުމަށް ރާއްޖެއިން އިސްނަގާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.