ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް އެތެރެކުރުން މަނާކޮށްފައިވާ ޓެކްނޮލޮޖީއާއި އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިދާނެ ސާމާނު ރަޝިއާއަށް އެތެރެކުރުމުގައި ދިވެހިރާއްޖެއަކީ މައިގަނޑު ޓްރާންސިޓް ހަބަކަށް ވެފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ހަވާލާދީ 'ޔުނައިޓެޑް24' މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާއާއި ޔޫރަޕް އަދި ޗައިނާއިން ފޮނުވާ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގުހުރި މުދާ ރަޝިއާގެ މޮސްކޯއަށް ގެންދަނީ މާލޭގައި ހުންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ. މި މުދާތައް ގިނައިން އުފުލަނީ ރަޝިއާގެ ގައުމީ އެއާލައިން ކަމަށްވާ އެރޯފްލޮޓްގެ ފްލައިޓުތަކުގައެވެ.

މި ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖެ މަގުން ރަޝިއާއަށް އެތެރެކުރާ މުދަލުގެ ތެރޭގައި މިސައިލް ގައިޑެންސް ސިސްޓަމްތަކަށް ބޭނުންވާ ޑިއުއަލް-ޔޫސް މައިކްރޯޗިޕް ހިމެނޭ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ސެޓެލައިޓުތަކަށް ބޭނުންވާ އޮޕްޓިކަލް އާލާތްތަކާއި، އާންމު މަތިންދާބޯޓުތަކާއި ފައިޓަރ ޖެޓުތަކުގެ އިތުރުން ދުރު ރާސްތާގެ ރޮކެޓުތަކަށް ބޭނުންކުރެވޭ ފެންވަރުގެ ވަރުގަދަ އޭރޯސްޕޭސް ފާސްޓަނަރުތައް ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އިމްޕޯޓް ޖީނިއަސްއިން އެއްކޮށްފައިވާ ރަޝިއާގެ ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރު ރާއްޖެއިން ރަޝިއާއަށް އެތެރެކުރި މުދަލުގެ އަގު 7 މިލިއަން ޑޮލަރަށް ވުރެ ދަށް ނަމަވެސް، 2022 ވަނަ އަހަރު މި އަދަދު ވަނީ 630 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި 2024 ވަނަ އަހަރު މި އަދަދު 160 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، ރަޝިއާއިން ކަސްޓަމްސްގެ މައުލޫމާތު ހާމަކުރުން ހަނިކޮށްފައި ވުމުން އަސްލު އަދަދު މިއަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެޖެންޓުން މެދުވެރިކޮށް މި މުދާތައް ރާއްޖެއަށް ރަސްމީކޮށް އެތެރެނުކޮށް ޓްރާންސިޓް ކުރެއެވެ. އަދި މޮސްކޯއަށް މުދާ ފޮނުވުމުގެ ކުރިން އާ ލިޔެކިޔުންތައް ހަދައި، މުދާ ފޮނުވި އަސްލު ކުންފުނީގެ މައުލޫމާތު އުނިކުރެއެވެ. މިގޮތުން ޖަރުމަނުގެ ކްރޭމާ މައިނިން ކުންފުނިން ކިރްގިސްތާނުގެ ފަރާތަކަށް ވިއްކި މުދާތަކެއް މާލެ މަގުން ގެންގޮސް، އެރޯފްލޮޓްގެ ފްލައިޓެއްގައި މޮސްކޯއަށް ފޮނުވާފައިވާ ކަމަށް އެ ނޫހުން ފާހަގަކޮށްފައި ވެއެވެ. މި މުދަލުގެ ދެވަނަ ލިޔެކިޔުންތަކުގައި މުދާ ލިބޭ ފަރާތެއްގެ ގޮތުގައި ރަޝިއާގެ ކުންފުންޏެއް ހިމަނާފައިވާއިރު، ޖަރުމަނު ކުންފުނީގެ ނަން އުނިކޮށްފައި ވެއެވެ.

މިގޮތަށް ފޮނުވި ބައެއް މުދާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ ކުންފުނިތަކަށް، އޭގެ ތެރޭގައި އެސް7 އެއާލައިންސްއަށް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފްރެއިޓް ކެއާއިން ވަނީ ރަޝިއާއަށް ގެންދާ ޓްރާންސިޓް މުދާ ހޭންޑްލްކުރާ ކަމަށް އެއްބަސްވެ ފައެވެ. ނަމަވެސް ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ މުދަލެއްކަން އެނގިހުރެ ފޮނުވާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. "އަޅުގަނޑުމެން އެއްވެސް ހަނގުރާމައަކަށް ތާއީދެއް ނުކުރަން،" ފްރެއިޓް ކެއާގެ މެނޭޖިން ޑިރެކްޓަރު ހުސައިން ވަހީދު ވޯލް ސްޓްރީޓް ޖާނަލްއަށް ވިދާޅުވެފައި ވެއެވެ.

ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި މަގު ބަންދުކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ދަނީ ދިވެހި ސަރުކާރަށް ބާރުއަޅަމުންނެވެ. ކަސްޓަމްސްގެ މުވައްޒަފުން މަދުވުމާއި ޓްރާންސިޓް މުދާ ފިޒިކަލްކޮށް ޗެކްކުރުން މަދުވުމަކީ މީގައި އޮތް ބޮޑު ނާޒުކުކަމެއް ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޖުލައި މަހު ބުނެފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް، 126 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭރުކުރި ކާގޯގެ 12 ޕަސެންޓް ހިއްސާކުރަނީ އެރޯފްލޮޓުންނެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އެމްއޭސީއެލްއިން ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދީފައި ނުވާކަމަށް އެ ނޫހުން ބުނެއެވެ.