ރާއްޖޭގައި އަލަށް އުފެއްދި ޓިއާ 1 ފެންވަރުގެ ފުރިހަމަ ދިވެހި ބޭންކެއް ކަމަށްވާ މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ) ގެ ޑިޖިޓަލް ހިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭންކުގެ މޯބައިލް އެޕް 'އެމްޕީބީ ޕްލަސް' އަދި އިންޓަނެޓް ބޭންކިން ހިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ.
ސައްތައިން ސައްތަ ދިވެހިންގެ މި ބޭންކަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އަމާޒު ހިފާފައިވާ ބޭންކެކެވެ. މިގޮތުން އާންމު ފަރުދުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް ބޭނުންވާ އިތުބާރުހުރި މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މާކެޓުތަކާ ގުޅުވާލަދިނުމަކީ މި ބޭންކުގެ މައިގަނޑު އެއް މަގްސަދެވެ. އެމްޕީބީ އިން މަސައްކަތް ކުރަމުންދަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ދީ، ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުހައްމަދު އަލީ ޖަނާޙް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބޭންކުގެ އިސްވެރިންނާއި، ބޯޑު މެންބަރުންގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާގެ އިސް ބޭފުޅުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް ބޭންކިންގް ލައިސަންސާއި ވިޔަފާރި ހިންގުމުގެ ރަސްމީ ހުއްދަ ދީފައިވަނީ މިއަހަރުގެ މޭ މަހު އެވެ. މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާއެކު، ދިވެހިރާއްޖޭގައި ބޭންކިންގް ހިދުމަތް ދެމުންގެންދާ ބޭންކުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 9 އަށް އިތުރުވެފައެވެ.
