ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ރަސްމީ ސިޔާސަތެއް ކަމަށާއި، އެކަން އަމަލީގޮތުން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން މިއަދު އިއުލާނު ކުރައްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ މަރުހަލާގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ ކަންކަން ކަވަރުކުރުމަށްޓަކައި އާ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އަދި އެ ގާނޫނު ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ޖަލުތަކުގައި ޖާގަ ނެތުމުގެ ސަބަބުން ގައިދީން އިސްލާހުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް ކުރީ ސަރުކާރުން މާލޭގައި ބިނާކުރި 400 މީހުންގެ ޖަލު ތަޅާލުމުގެ ސަބަބުން ދިމާވި ޖާގައިގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ޖަލުތަކަކީ ހަމައެކަނި ބަންދުކޮށްފައި ބައިތިއްބާ ތަންތަނުގެ ބަދަލުގައި، އިންސާނީ ކަރާމާތް ހިފެހެއްޓިފައިވާ އަދި ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމަށް ތަރުބިއްޔަތު ކުރާ މަރުކަޒުތަކަކަށް ހެދުމެވެ. މި މަސައްކަތުގެ ދަށުން ޖަލުތަކުގެ އުމްރާނީ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައި އާ މަޝްރޫއުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
