ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ ދެ އިމާރާތެއްގައި ޑިސެމްބަރު 12، 2024 ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތަހުގީގު ފުލުހުން ފުރިހަމައަށް ނިންމާލައި، އަލިފާންގަނޑު ފެށެން މެދުވެރިވި ހަގީގީ ސަބަބު ދެނެގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ހާދިސާ ހިންގި ސަރަހައްދަށް ފުލުހުން ފުރަތަމަ އެޓެންޑްވި ވަގުތު އޮފިސަރުންގެ ބޮޑީކެމްއިން ރެކޯޑު ކުރެވިފައިވާ ވީޑިއޯ ފުޓޭޖްތަކުން އަލިފާން ފެށުނު ގޮތް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެގޮތުން، އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވާން ފެށީ ސީލިންގު ތެރޭގައި ހުރި އެއާކޮންޑިޝަން ތަކުގެ ވަޔަރުތަކުގައި ކަމަށް ތަހުގީގަށް ސާބިތުވެފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެ ހާދިސާގައި ހުޅު ޖެހުމުގެ ހަމަލާއެއް ނުހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން ސިޔާސީ ގޮތުން ތަފާތު ތުހުމަތުތައް އަމާޒުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ އެ އިމާރާތްތަކުގައި ރޯކޮށްލީ ގަސްތުގައި ހެކި ނައްތާލުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، މިނިސްޓަރު އިހުސާން ވަނީ އެ މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާކަން ކަށަވަރުކޮށްދެއްވައި، ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އާންމުކުރުމަށްޓަކައި ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑިސެމްބަރު، 2024 ގައި ހިނގި ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ، އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިން އަށް އަލިފާން ފެތުރި ބޮޑެތި ގެއްލުންތަކެއްވި އެވެ. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގާ ޓިނު ބިލްޑިން އާއި ގްރީން ބިލްޑިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.