ތަރައްގީގެ ލަނޑުދަޑިތައް ހާސިލުކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ޒުވާނުންގެ އަޑު އިވޭނެ ގޮތް ހަދާ، އެމީހުން ހުރިހާ ދާއިރާއެއްގައިވެސް ނިންމުންތައް ނިންމުމުގައި ބައިވެރިކުރަން ޖެހޭނެ ކަމަށެވެ.

މީީގެ ތެރޭގައި މުޖުތަމައުގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކާއި، ރަށު ކައުންސިލްތަކާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައާ ބައިނަލްއަގުވާމީ މަންސަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެއާއެކު ޒުވާނުންނަށް އުފެއްދުންތެރި ހުނަރުތައް ދަސްކޮށްދީ، އެމީހުންގެ މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތަކަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އެއް ތަސައްވުރަކީ ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ދީ، ޒުވާނުންގެ އަޑުއަހާ އަދި ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށި ވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންނަށް އެިންވެސްޓް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާކަމަށާއި، އުމުރުގެ ގޮތުން ދޮށީ މުޖުތަމަޢެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.