ފަރުބަދައަށް އަރާ އިންޑިއާ މީހެއް ކަމަށްވާ ޑޯޖޭ މޯރަޕްގެ ހަށިގަނޑު ގެނައުމަށް އިންޑިއާއިން ދަނީ ނުރައްކާތެރި އަދި އުނދަގޫ މިޝަނަކަށް ތައްޔާރުވަމުންނެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓުގެ އެންމެ މައްޗާ މާ ދުރު ނޫން ހިސާބެއްގައި، ފާއިތުވި 30 އަހަރު ވަންދެން ފެހި ކުލައިގެ ބޫޓަކަށް އެރިގެން އޮތް މީހެއްގެ ހަށިގަނޑު ވަނީ ގަނޑުވެފައެވެ. ބޮޑު ހިލައެއްގެ ދަށުގައި އޮތް މި ހަށިގަނޑަކީ، "ގްރީން ބޫޓްސް" ގެ ނަމުން މަޝްހޫރުވެ، އެވަރެސްޓަށް އަރާ މީހުންނަށް މަގު ދައްކައިދޭ ނިޝާނެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ބޭނުންކުރަމުން އައި އެއްޗެކެވެ. ނަމަވެސް، މިއީ ހަމައެކަނި ނިޝާނެއް ނޫނެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 1996 ވަނަ އަހަރު އެވަރެސްޓަށް އަރަން އުޅުމުގެ ތެރޭގައި މަރުވި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑޯޖޭ މޯރަޕްގެ ހަށިގަނޑު ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގަބޫލުކުރެއެވެ.
މިހާރު އިންޑިއާއިން ދަނީ، ގަނޑުވެފައިވާ އެ ހަށިގަނޑު އަނބުރާ އޭނާގެ އާއިލާއާ ހަވާލުކުރުމަށްޓަކައި ނުރައްކާތެރި އަދި އުނދަގޫ މިޝަނެއް ފެށުމަށް ތައްޔާރުވަމުންނެވެ. އުމުރުން 48 އަހަރުގައި މޯރަޕް އެވަރެސްޓަށް އެރީ އިންޑޯ ޓިބެޓަން ބޯޑަރ ޕޮލިސް (އައިޓީބީޕީ) ގެ ހާއްސަ ޓީމަކާ އެކުގައެވެ. މިއީ އިންޑިއާއާއި ޗައިނާ ގުޅޭ ބޯޑަރުގެ ބޮޑު ބައެއް ބަލަހައްޓާ ފުލުހުންގެ ފައުޖެކެވެ. އެ ޓީމުގެ އަމާޒަކަށް ވެފައި އޮތީ، ނުރައްކާތެރި ކަމަށް ބެލެވޭ ޗައިނާއާ ވީ ފަޅިން އެވަރެސްޓަށް އެރި އިންޑިއާގެ ފުރަތަމަ ޓީމުގެ ޝަރަފު ހޯދުމެވެ.
އެ ޓީމުގައި ހިމެނުނު ހަ މީހުންގެ ތެރެއިން ތިން މީހަކު މޫސުމް ގޯސްވުމުގެ ސަބަބުން އަނބުރާ ދިޔައެވެ. ނަމަވެސް މޯރަޕް އާއި ސެވާންގް ސްމަންލާ އަދި ސެވާންގް ޕަލްޖޯރް ދަތުރު ކުރިއަށްގެންގޮސް 8،849 މީޓަރުގެ އުސްމިނަށް ވާސިލުވިއެވެ. އެ މީހުންނަށް ބޮޑު ތޫފާނަކާ ކުރިމަތިލާން ޖެހުނީ ފަރުބަދައިން ފައިބަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި އެ ތިން މީހުން ވެސް ވަނީ މަރުވެފައެވެ.
މޯރަޕްގެ އަންހެނުން ކޮންޗަކް ޔަންގްސްކިޓް ބީބީސީއަށް ކިޔައިދިން ގޮތުގައި، ފުރަން ދިޔަ ރޭ މޯރަޕް ވަނީ އޭނާ އެނބުރި އަންނާނީ ގައުމު ފަހުރުވެރިކޮށްދޭ ބަތަލެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. އަދި އެނބުރި އަންނަ ދުވަހު އޭނާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ދިއުމަށް ވެސް އެދުނު ކަމަށް އިންޑިއާގެ ލަޑާކްގައި ދިރިއުޅޭ ޔަންގްސްކިޓް ބުންޏެވެ. ފާއިތުވި އަހަރުތަކުގައި އޭނާގެ ފިރިމީހާ އެނބުރި އަންނާނެ ކަމުގެ އުންމީދު ކަނޑައެއް ނުލައެވެ. "ބައެއް ރޭރޭ ނިދުމުގެ ކުރިން ހިތަށް އަރާ ދޮރުގައި ޓަކި ޖަހާލާނެއޭ، އަދި ދޮރު ހުޅުވާއިރު އޭނާ ހުންނާނެއޭ،" ޔަންގްސްކިޓް ބުންޏެވެ.
އަހަރުތަކެއް ވަންދެން ގިނަ ބަޔަކު ހީކުރީ 8،500 މީޓަރު މަތީގައި އޮތް "ގްރީން ބޫޓްސް" އަކީ އެ ޓީމުގައި ހިމެނޭ އެހެން މީހެއް ކަމަށްވާ ސެވާންގް ޕަލްޖޯރްގެ ހަށިގަނޑު ކަމަށެވެ. ނަމަވެސް، އެ ދަތުރުގައި ސަލާމަތްވި މީހުންގެ މައުލޫމާތާއި، އެންމެ ފަހުން ގުޅިފައިވާ ލޮކޭޝަނަށް ބަލައި، އެއީ މޯރަޕްގެ ހަށިގަނޑު ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އައިޓީބީޕީގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ލައިގެން ހުރި އަންނައުނާއި ބޭނުންކުރި ސާމާނުން އެއީ ކާކުކަން ދެނެގަތުމަށް ވަނީ ފަސޭހަވެފައެވެ.
ނުރައްކާތެރި މިޝަނެއް
އެވަރެސްޓުގެ މަތިން ހަށިގަނޑެއް ތިރިއަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެ ހިސާބަކީ ފިނިހޫނުމިން މައިނަސް 40 ޑިގްރީ ސެލްސިއަސްއަށް ވެއްޓޭ، އަދި އޮކްސިޖަން ލެވެލް ކަނޑުގެ ލޮނުގަނޑާ އަޅައި ބަލާއިރު ތިންބައިކުޅަ އެއްބަޔަށް ދަށް ހިސާބެކެވެ. ނޭޕާލްގެ މަޝްހޫރު ފަރުބަދައަރާ މީހެއް ކަމަށްވާ ޝިރިންގް ޖަންގްބޫ ޝެރްޕާ ފާހަގަކުރި ގޮތުގައި، ޗައިނާއާ ވީ ފަޅިން މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުގެ އެހީތެރިކަން ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
މި މަސައްކަތުގައި އުޅޭ ގައިޑެއް ކަމަށްވާ ޕެމްބާ އޮންގްޗޫ ޝެރްޕާ ބުނި ގޮތުގައި، އެ ހިސާބަށް ގޮސް ހަށިގަނޑު ތިރިއަށް ގެނައުމަށްޓަކައި 10 ނުވަތަ 12 މީހުންގެ ޓީމެއް ބޭނުންވާނެއެވެ. ގަނޑުވެފައިވާ ހަށިގަނޑެއްގެ ބަރުދަން އާދައިގެ މީހަކަށް ވުރެ އެތައް ގުނައެއް ބަރުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ 40،000 އާއި 80،000 އެމެރިކާ ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ އޮޕަރޭޝަނެކެވެ.
އައިޓީބީޕީން ހަރަދުކޮށްގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ. ހަށިގަނޑު އިންޑިއާއަށް ގެނައުމަށްފަހު ޑީއެންއޭ ޓެސްޓު ހަދައި، އެއީ މޯރަޕްކަން ޔަގީންވުމުން އާއިލާއާ ހަވާލުކުރާނެއެވެ. ޗައިނާ ސަރުކާރުން ދީފައިވާ ސެޓްފިކެޓެއްގައިވާ ގޮތުން، 10 މެއި 1996 ގެ ހަވީރު 17:30 ގައި މޯރަޕް ވަނީ އެވަރެސްޓުގެ އެންމެ މައްޗަށް އަރާފައެވެ. މޯރަޕްގެ ދަރިފުޅު ޕުންޗޮކް ޑޯޖާއީ ބުނި ގޮތުގައި، އޭނާގެ ބައްޕައަކީ ގައުމަށްޓަކައި ފުރާނަ ގުރުބާންކުރި ޝަހީދެކެވެ. އަދި ހަށިގަނޑު ލިބުމުން ލަޑާކްގެ ވެރިރަށް ލޭހްގައި ރަސްމީ އިއްޒަތުގައި ވަޅުލުމަށް އާއިލާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ބައްޕަގެ ހަނދާނެއްގެ ގޮތުގައި އެ މަޝްހޫރު ފެހި ކުލައިގެ ބޫޓު ގޭގައި ބެހެއްޓުމަށް އާއިލާއިން އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
