އަވަސް މެދުވެރިކޮށް އުރީދޫ އެކްސްޕްރެސް ޝޮޕެއް މާލޭގައި ހުޅުވައި، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭ ދާއިރާ އިތުރަށް ފުޅާކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެކްސްޕްރެސް ޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީއާއި، އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާނިއު ރަމީޒެވެ.

އުރީދޫ އިން ބުނީ، މި ބައިވެރިވުމުގެ ދަށުން، އާ އެކްސްޕްރެސް ޝޮޕުންނާއި އަވަސް އެޕް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހޯދޭނެ ކަމަށެވެ. މީގެ ތެރޭގައި އުރީދޫ ބިލް ދެއްކުމާއި، ރާސްތާ ކުރުމުގެ އިތުރުން އާ ސިމް ކާޑު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިހާރު ކޮންމެ ތަނެއްގައި ތިބެގެންވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އާ އެކްސްޕްރެސް ޝޮޕަކީ އުރީދޫގެ އުފެއްދުންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށާއި، މުއާމަލާތްތައް ހިންގުމުގައި އިތުރު ފުރުސަތުތަކާއި ފަސޭހަތައް ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެކެވެ. މި ބައިވެރިވުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ހިދުމަތްތައް އިތުރަށް ފަސޭހަކަމާއެކު ލިބޭނެ އާ ގޮތްތައް ހޯދައިދިނުން ކަމަށެވެ.

"އަވަސްއާއެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން، އަވަސް އެޕް މެދުވެރިކޮށް ލިބޭ ޑިޖިޓަލް ޚިދުމަތްތަކުގެ ފަސޭހަކަމާއި، އާ އެކްސްޕްރެސް ޝޮޕުން ލިބޭ އަމަލީ އެހީތެރިކަން އެއްކޮށްލެވި، ކަސްޓަމަރުންނަށް ކުރިއަށްވުރެ ބޮޑު ފަސޭހައެއް ލިބިގެންދާނެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި، މިފަދަ ބައިވެރިވުންތަކުގެ ސަބަބުން އާންމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑު އެހީއަކަށްވޭ،" ނިޔާޒް ވިދާޅުވިއެވެ.

އަވަސް މެދުވެރިކޮށް ހުޅުވި މި އެކްސްޕްރެސް ޝޮޕަކީ، އީޖާދީ ބައިވެރިވުންތަކާއި ޚިދުމަތް ދޭ ވަސީލަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހައިން ގުޅުންބަދަހިކޮށް ތިބެވޭނެ ގޮތް ހެދުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ދަށުން ނިންމުނު މުހިންމު ނިންމުމެކެވެ.