މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކޮށްފައިވާ ރިސޯޓުތަކުގެ ހެޑްލީސް ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްޓީޑީސީން ރިސޯޓު ހިންގަން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް، އެ ރަށުގައިި ރިސޯޓު ހިންގާ ތުރުކީގެ ކުންފުންޏަށް ނުއަގުގައި ވިއްކަން އުޅޭ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ނުއަގުގައި ތުރުކީ ކުންފުންޏަކަށް މަގުދުއްވާ ވިއްކާލަން އުޅޭ ކަމާއި ބޯޑުގެ ބައެއް ޑިރެކްޓަރުން އެކަމާ ދެކޮޅު ހަދަމުންދާ ކަމުގެ އަޑުވެސް ދާދި ފަހުން ވަނީ ފެތުރިފައި ވެއެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް އެމްޓީޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ސަބްލީސްކޮށްގެން ހިންގަމުން އަންނަ އެއްވެސް ރަށެއްގެ ހެޑްލީސް ހައްގެއް ވިއްކާލުމަށް އެ ކުންފުނީގެ މެނޭޖްމަންޓުން އަދި ޑިރެކްޓަރުންގެ ބޯޑުން ވެސް ނިންމާފައި ނުވާނެ ކަމަށެވެ.

އެމްޓީޑީސީން ސަބްލީސްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ނާގޯށި، ގދ. މަގުއްދޫވާ، އަދި ބ. ކިހަވައްހުރަވަޅިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި ތިން ރަށަކީ ވެސް ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކެއްގެ ދަށުން، ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކެކެވެ.

މި ރަށްތަކުގެ ހެޑްލީސް ހައްގުތައް ނުވަތަ އެއާ ގުޅުންހުރި އެއްވެސް މަންފާއެއް އެހެން ފަރާތަކަށް ދޫކޮށްލުމަށް ނުވަތަ ވިއްކާލުމަށް އެއްވެސް މިންވަރެއްގެ މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުގެންދާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު ގެއްލޭ ފަދަ ނުވަތަ ހަނިވާ ފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެމްޓީޑީސީން ވަނީ ދީފައެވެ.

އަދި އެ ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭ ކަމަށް ބުނެ މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެމްޓީދީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކުންފުނީގެ މުދަލަކާ ގުޅޭ ގޮތުން ނުވަތަ ކުންފުނީގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ނިންމުމެއް ނިންމާނަމަ، އެކަން ކުންފުނީގެ ހިއްސާދާރުންނަށް ރަސްމީކޮށް އަންގައި، ހާމަކުރަމުން ގެންދާނެ ކަމަށް އެމްޓީޑީސީގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން، ކުންފުނީގެ ވިޔަފާރީގެ މުއާމަލާތްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ ހިއްސާދާރުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.