ދެކުނު ކޮރެއާ އާއި ޖަޕާނު އަދި ޗައިނާ ފަދަ އޭޝިއާގެ ގައުމުތަކުގައި، އުމުރުން 50 އަހަރުން މަތީގެ މީހުންގެ މެދުގައި ވަރިވާ ނިސްބަތް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ގައުމުތަކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. ދެކުނު ކޮރެއާ، ޖަޕާނު، ހޮންގްކޮންގް، ޓައިވާން އަދި ޗައިނާ ފަދަ ގައުމުތަކުގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދަނީ ބޮޑުވަމުންނެވެ. މިއާއެކު، އުމުރުން ދުވަސްވީ މީހުން ވަރިވާ ނިސްބަތް ވެސް ދަނީ މައްޗަށެވެ.
ދެކުނު ކޮރެއާގައި ފާއިތުވި އަހަރު، 30 އަހަރަށް ވުރެ ގިނަ ދުވަހު ކައިވެނިކޮށްގެން އުޅުމަށްފަހު ވަރިވި މީހުންގެ އަދަދު، ފަސް އަހަރު ނުވާ ކައިވެނިތައް ރޫޅުނު އަދަދަށް ވުރެ ފުރަތަމަ ފަހަރަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ޖަޕާނުގައި 2024 ވަނަ އަހަރު ދިގު މުއްދަތެއްގެ ކައިވެނި ރޫޅާލުމަށް އެދި ހުށަހެޅި އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ ދެ ގުނަ އިތުރު ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޗައިނާގައި ފާއިތުވި 30 އަހަރުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ވަރިވި ނިސްބަތް ވަނީ ދެ ގުނަ އިތުރުވެފައެވެ. ޓައިވާނާއި ހޮންގްކޮންގްގައި ވެސް މި ނިސްބަތް އިތުރުވަމުންދާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެމެރިކާގެ ވޮޝްބާން ޔުނިވާސިޓީގެ ސޯޝިއޮލޮޖީ އެސޯސިއޭޓް ޕްރޮފެސަރު ސަންގްޔޫބް ޕާކް ބުނި ގޮތުގައި، މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ އޭޝިއާގެ ގައުމުތަކުގައި މީހުންގެ އުމުރު ދިގުވުމެވެ. އޭނާ ފާހަގަކުރި ގޮތުގައި، އިތުރު 20 ނުވަތަ 30 އަހަރު ދުނިޔޭގައި ތިބޭނެ ކަމުގެ އުންމީދު އޮތުމުން، ހިތްހަމަނުޖެހޭ ކައިވެންޏެއްގައި ތިބުމުގެ ބަދަލުގައި އާ ދިރިއުޅުމެއް ފެށުމަށް ގިނަ ބަޔަކު ބޭނުންވެއެވެ. އަދި 1965 އާއި 1980 އާ ދެމެދު އުފަންވި މީހުންގެ ވިސްނުމަށް ހުޅަނގުގެ ސަގާފަތުގެ އަސަރުކޮށްފައިވުން ވެސް މީގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އެގޮތުން، އާއިލީ ވާޖިބުތަކަށް ވުރެ އަމިއްލަ އިހުތިޔާރުތަކަށް އިސްކަންދިނުމުގެ ވިސްނުން މި ޖީލުގެ މީހުންގެ ކިބައިގައި އަށަގަނެފައިވާ ކަމަށް ޕާކް ބުންޏެވެ.
ގާނޫނުތަކަށް ގެނެވުނު ބަދަލުތަކަކީ ވެސް މިކަމަށް މަގުފަހިވި ސަބަބެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ދެކުނު ކޮރެއާގައި 2014 ވަނަ އަހަރު އަދި ޖަޕާނުގައި 2007 ވަނަ އަހަރު ގެނައި އިސްލާހުތަކުގެ ދަށުން، ވަރިވުމަށްފަހު ފިރިމީހާގެ ޕެންޝަން ފައިސާގެ ބައެއް އަނބިމީހާއަށް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މީގެ ސަބަބުން، ގޭގައި މަސައްކަތްކުރާ އަންހެނުންނަށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށް ސީއެންއެންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޯއީސީޑީ ގައުމުތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންގެ ފަގީރުކަމުގެ ނިސްބަތް އެންމެ މަތީ ދެކުނު ކޮރެއާގައެވެ. ހޮންގްކޮންގްގައި ވެސް މި ނިސްބަތް މަތިކަމަށާއި، ޖަޕާނު އުޅެނީ ދުނިޔޭގެ އެވްރެޖަށް ވުރެ މަތީގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖަޕާނުގެ އުމުރުން 63 އަހަރުގެ އީކޯ ޓޮޔާމާ ބުނި ގޮތުގައި، އޭނާ ވަރިވީ ކައިވެންޏަށް 32 އަހަރު ފަހުންނެވެ. އޭނާ ބުނީ ކައިވެނީގެ މުއްދަތުގައި ގޭތެރޭގެ ހުރިހާ މަސައްކަތަކާއި ކުދިން ބެލުމުގެ އިތުރުން އާއިލާއަށް މާލީ ގޮތުން އެހީތެރިވީ ވެސް އޭނާ ކަމަށެވެ. ނަމަވެސް ފިރިމީހާ އޭނާގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަން ބޭނުންވި ކަމަށާއި، ވަރިވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރިއެއް ފަށައި މިނިވަންކަމާއެކު އުޅެމުންދާ ކަމަށް ޓޮޔާމާ ބުންޏެވެ. ޓޮޔާމާ މިހާރު ޓިކްޓޮކްގައި ލައިވްކޮށް، މީހުންނަށް ލަފާދިނުމުގެ އިތުރުން މެރިޖް އޭޖެންސީއަކާއި އިވެންޓް ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
ހޮންގްކޮންގްގެ އުމުރުން 50 އަހަރުގެ އިމާން ލައު ވެސް ވަނީ 14 އަހަރުވީ ކައިވެންޏެއް ރޫޅުމަށްފަހު އާ ދިރިއުޅުމެއް ފަށާފައެވެ. އޭނާ ބުނި ގޮތުގައި، ވަރިވުމަކީ ފުރަތަމަ ލިބުނު ބޮޑު ސިހުމެއް ނަމަވެސް، އޭގެ ފަހުން އޭނާ ވަނީ އާ ރައްޓެހިން ހޯދައި، ދަތުރުކޮށް، އަމިއްލަ ނަފްސު އަލުން ހޯދާފައެވެ. ލައު ބުނި ގޮތުގައި އޭނާ މިހާރު ދަނީ ޕިއާނޯ ކުޅެން ދަސްކޮށް، ފަރުބަދައަށް އަރައި، ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަމުންނެވެ. ޓޮޔާމާ ބުނި ގޮތުގައި އޭނާ ވަރިވި ވާހަކަ ބުނުމުން ގިނަ މީހުންގެ ފަރާތުން ލިބުނީ ހިތްވަރުދޭ ފަދަ ބަސްތަކެކެވެ. ނަމަވެސް ލައު ބުނީ އޭނާއާ އެއް އުމުރެއްގެ މީހުން އެކަމާ ސުވާލުކުރަން ޖެހިލުންވި ނަމަވެސް، ޒުވާން ޖީލުގެ މީހުން އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ.
އޭޝިއާގެ ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ފަގީރުކަން އޮތް ނިސްބަތް މަތި ނަމަވެސް، ވަރިވާ މީހުންގެ އަދަދު ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިތުރުވަމުންދާނެ ކަމަށް ޕްރޮފެސަރު ޕާކް ލަފާކުރެއެވެ. އޭނާ ބުނި ގޮތުގައި މި އަދަދުތައް މަޑުޖެހޭނެ ކަމަށް ބެލެވެނީ މިލެނިއަލް ޖީލުގެ މީހުން ރިޓަޔާކުރާ އުމުރަށް އެޅުމުންނެވެ.
