ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ސައޫދީ އަރަބިއްޔާގެ ހާއްސަ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގަތީ ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑރ. މަންރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޕްރިންސަށް މަރުހަބާ ވިދާޅުވީ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ. އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ވަނީ އެއާޕޯޓުގައި ޝަރަފުގެ ގާޑެއް އަރުވާފައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި އެހެނިހެން ހަރަކާތްތަކުގައި ސައުދީގެ މި މަތީ ފަންތީގެ ވަފުދުން ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހްވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.