އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކޮށް މާކެޓް ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އިން އިންޑިއާގެ މަޝްހޫރު މިއުޒިކް އައިކަން، ޓީވީ ޝަހުސިއްޔަތު އަދި އިންޑިއަން އައިޑޮލްގެ ޖަޖު، އަދިތިޔާ ޕްރަތީކް ސިންގް ސިސޯޑާ [ބާދްޝާާ] އާއެކު ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނަލް ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ ބާދްޝާގެ މި ދަތުރުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، އެކުވެރި މެހެމާންދާރީގެ އިތުރުން ޕްރައިވެޓް ޔޮޓް އެކްސްކާޝަންތަކާއި، ކަނޑުގެ އެޑްވެންޗާތަކާއި، ވެލްނެސް އަދި ސަގާފީ ތަޖުރިބާތައް ހިމެނޭ ގޮތަށް ޑިޖިޓަލް ކޮންޓެންޓް އުފައްދާފައިވާކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސަޑަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވާ ބާދްޝާ ރާއްޖޭގައި ހޭދަކުރި ހަތަރު ދުވަހުގެ މުއްދަތުގައި، އޭނާ ހުރެފައިވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައިކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ބާދްޝާއާއެކު ކުރިއަށް ގެންދެވުނު ކެމްޕެއިނުގައި ތައްޔާރުކުރެވުނު އިންސްޓަގްރާމް ރީލްސް، ކެރޮސެލް ޕޯސްޓްތައް، އިންސްޓަގްރާމް ސްޓޯރީތައް އަދި ޔޫޓިއުބް ވްލޮގް ކުރިއަށް އޮތް ހަފުތާތަކުގައި ބާދްޝާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެކަމަށާއި، މި ކަމުގެ ސަބަބުން އިންޑިއާގެ ހަނީމޫން ފަތުރުވެރިންނާއި، އާއިލާތަކާއި، ލަގްޒަރީ ދަތުރުވެރިންގެ އިތުރުން އެޑްވެންޗާ ހޯދާ ޒުވާނުންނަށް ރާއްޖެއަކީ އެންމެ ފުރިހަމަ މަންޒިލްކަން ހާމަވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ސްޓްރެޓީޖިކް ގޮތުން މުހިންމު މާކެޓަކަށްވާއިރު، 2020 ވަނަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 2021 ގައި 291,787 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2022 ގައި 241,382 ފަތުރުވެރިން އަދި 2023 ގައި 209,193 ފަތުރުވެރިން އިންޑިއާއިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ހަމައެކަނި ފަތުރުވެރިން އަންނަ އާދައިގެ މާކެޓެއް ނޫންކަމަށާއި، އެއީ ފަތުރުވެރިކަމުގެ މުސްތަގުބަލަށް ނުހަނު މުހިންމު ގައުމެއްކަމަށެވެ.

ބަދްޝާާއާއެކު ކުރެވުނު މި މަސައްކަތަކީ އިންޑިއާގެ މިލިއަން ފަތުރުވެރިންނާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރެވުނު އިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ އަމާޒަކީ އިންޑިއާގެ ދަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުން.
އިބްރާހީމް ޝިއުރީ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި 19 ޖުލައި 2026 ގެ ނިޔަލަށް ޖުމުލަ 1,154,980 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އޭގެތެރެއިން 68,933 ފަތުރުވެރިންނަކީ އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންނެވެ.