ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލްތައް ކަމަށްވާ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާގެ ބާލީ ފަދަ ތަންތަން ފަހަތަށް ޖައްސާލުމަށްފަހު، 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު ރަށުގެ މަގާމު ތައިލެންޑުގެ ކޯ ސަމޫއީ ހޯދައިފިއެވެ. ޓްރެވަލް އެންޑް ޓުއާ ވޯލްޑް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިޔުންތެރިންގެ ވޯޓުން ކޯ ސަމޫއީއަށް ވަނީ 95.64 ގެ ސްކޯއެއް ލިބިފައެވެ. މި ކާމިޔާބީއާއެކު ތައިލެންޑަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ އިސް ސަފުގައި ހިމެނޭ ގައުމެއްކަން ވަނީ އިތުރަށް ކަށަވަރުވެފައެވެ.
ސޫރަތު ތާނީ ޕްރޮވިންސްގައި އޮންނަ ކޯ ސަމޫއީއަށް މި މަގާމު ލިބުނީ އެ ރަށުގެ ގުދުރަތީ ރީތިކަމާއި، ސަގާފީ ތަރިކައާއި، ފެންވަރު ރަނގަޅު ފަތުރުވެރިކަމުގެ ހިދުމަތްތަކުގެ ސަބަބުންނެވެ. ހަމައެކަނި ގޮނޑުދޮށްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެ ރަށުން ވަނީ ސަގާފީ ތަޖުރިބާތަކާއި، މާކެޓުތަކާއި، ސީފުޑް އަދި ވެލްނެސް ރިޓްރީޓްތައް ހިމެނޭހެން ފަތުރުވެރިކަމުގެ ތަފާތު ހިދުމަތްތަކެއް ތައާރަފު ކޮށްފައެވެ. މީގެ ސަބަބުން ލަގްޒަރީ ފަތުރުވެރިންނާއި، ހަނީމޫނަށް ދާ މީހުންނާއި، އާ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި އެ ރަށް ވަނީ މަގުބޫލުވެފައެވެ.
ރާއްޖެ އާއި އެހެނިހެން މަންޒިލްތަކާ އަޅައިކިޔުން
ދުނިޔޭގެ ފެންވަރުގައި އެންމެ މަޝްހޫރު އެއް މަންޒިލް ކަމަށްވާ ދިވެހިރާއްޖެއިން މި ލިސްޓުގެ ކުރީގެ މަގާމެއް ހޯދި ނަމަވެސް، ކޯ ސަމޫއީ ވަނީ ރާއްޖެއަށް ވުރެ ކުރި ހޯދާފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަކީ މޫދު ކޮޓަރިތަކާއި ލަގްޒަރީ ރިސޯޓުތަކަށް މަޝްހޫރު މަންޒިލަކަށް ވީ ނަމަވެސް، ކޯ ސަމޫއީއިން ވަނީ ގުދުރަތީ ރީތިކަމުގެ އިތުރުން ސަގާފަތާއި ކެއިންބުއިމުގެ ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދީފައެވެ. މިއީ ފަތުރުވެރިންގެ ވިސްނުމަށް އަންނަމުންދާ ބަދަލުތައް ދައްކުވައިދޭ ކަމެއް ކަމަށާއި، މިހާރު ގިނަ ފަތުރުވެރިން ބޭނުންވަނީ ހަމައެކަނި އަރާމުކޮށްލުމުގެ ބަދަލުގައި، އެ ތަނެއްގެ ސަގާފަތާއި އާދަކާދަތައް ތަޖުރިބާކުރުމަށް ކަމަށް ޓްރެވަލް އެންޑް ޓުއާ ވޯލްޑް އިން ބުނެފައިވެއެވެ.
ރާއްޖޭގެ އިތުރުން، އިކުއެޑޯގެ ގަލަޕަގޯސް އައިލެންޑްސް އާއި އިންޑޮނޭޝިއާގެ ބާލީ ވެސް ވަނީ ކޯ ސަމޫއީގެ ފަހަތަށް ޖެހިފައެވެ. ގަލަޕަގޯސް އަކީ ތަފާތު ޖަނަވާރުތަކާއި ގުދުރަތީ ރީތިކަމަށް މަޝްހޫރު ތަނަކަށް ވީ ނަމަވެސް، ކޯ ސަމޫއީއިން ވަނީ ޒަމާނީ ފަތުރުވެރިކަމުގެ ވަސީލަތްތަކާއެކު ތަފާތު ތަޖުރިބާއެއް ފޯރުކޮށްދީފައެވެ. ހަމައެހެންމެ، ފައްޅިތަކާއި ސަގާފީ ކަންކަމަށް މަޝްހޫރު ބާލީގެ މައްޗަށް ކޯ ސަމޫއީ ކުރި ހޯދުމަކީ ދެކުނުއިރުމަތީ އޭޝިއާގެ މަންޒިލްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވަމުންދާކަން އަންގައިދޭ ކަމެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ލިސްޓުގައި ދެން ހިމެނޭ ފާހަގަކޮށްލެވޭ މަންޒިލްތަކުގެ ތެރޭގައި ސީޝެލްސް، ފިޖީ، ސްރީލަންކާ، ޑޮމިނިކާ، ޓެންޒޭނިއާގެ ޒެންޒިބާރ، މޯލްޓާ، ޕޯޗުގަލްގެ މަޑެއިރާ އަދި އެޒޯރސް، އިޓަލީގެ ސާޑީނިއާ އާއި ސިސިލީ، ގްރީސްގެ ކްރީޓް، ޕަރޯސް އަދި މިލޯސްގެ އިތުރުން އެމެރިކާގެ މާއުއީ އާއި ކައުއާއީ ހިމެނެއެވެ.
ކުރިމަގުގެ އަމާޒުތަކާއި ތައިލެންޑުގެ ފަތުރުވެރިކަން
މި ކާމިޔާބީއާއެކު، ކޯ ސަމޫއީގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިގޮތުން، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ތައިލެންޑުގެ އިގުތިސާދަށް، ހާއްސަކޮށް އެކޮމޮޑޭޝަން، ކެއިންބުއިން އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ފަތުރުވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މެނޭޖުކުރުމާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ. ޓްރެވަލް އެންޑް ޓުއަރ ވޯލްޑްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ މަންޒިލުގެ ފެންވަރު ހިފެހެއްޓުމަށާއި ފަތުރުވެރިންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
