އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ 2 މީހަކު ގެއްލިފައިވާއިރު، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 50 މީހުން މަރުވެއްޖެއެވެ. މިއާއެކު، ދެ ގައުމުގެ ދެމެދުގައި ދާދި ފަހުން ވެފައިވާ ސުލްހައިގެ އެއްބަސްވުން ވަނީ ރޫޅިފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހުކުރު ދުވަހު އީރާނުން އުރުދުންއަށް ފޮނުވާލި ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކުގައި މަރުވި ސިފައިންގެ އިތުރުން، އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި ކުދި އަނިޔާތައް ލިބުނު އެހެން ސިފައިން އަނބުރާ ޑިއުޓީއަށް ނުކުމެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މި ހަމަނުޖެހުންތަކުގައި އެމެރިކާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ. އޭގެ ތެރޭގައި މި މަހުގެ ކުރީކޮޅު ގެއްލުނު އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕައިލެޓަކު މަރުވެފައިވާ ކަމަށް ކަނޑައެޅުން ހިމެނެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުރުދުންގެ އަލް-އަޒްރަގް ބޭސްއަށް ދިން މި ހަމަލާގައި އެމެރިކާގެ ދެ ފައިޓާ ޖެޓު ވަނީ ހަލާކުކޮށްލާފައެވެ. ނަމަވެސް ސެންޓްކޮމްއިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ގައުމުގެ ވައިގެ ސަރަހައްދަށް އީރާނުން ފޮނުވާލި 10 މިސައިލެއް ވަނީ ވައްޓާލާފައެވެ. މަސްރަހު ގޯސްވަމުންދާތީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގައި އުޅޭ އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި ޓްރެވަލް ނޯޓިސްއެއް ނެރެފައެވެ.

ބީބީސީ އަދި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް ހޮނިހިރު ދުވަހުގެ ރޭ ވެސް އެމެރިކާއިން ވަނީ އީރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ ވިދިވިދިގެން އެމެރިކާއިން އީރާނަށް ހަމަލާދިން އަށްވަނަ ރެއެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި މި ހަމަލާތަކުގެ މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅީގައި ދަތުރުކުރާ ބޯޓުފަހަރަށް ނުރައްކާކުރުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުމެވެ.

އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ 50 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި މުޅި މެދުއިރުމަތިން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ ރައްޔިތުންނެވެ.

ދެ ފަރާތުން ވެސް އާންމުންނަށް ހިދުމަތްދޭ ތަންތަނަށް ހަމަލާދެމުންދާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އީރާނުގެ ދެކުނުގައި ހުންނަ ބުންޖީ ލޮނުފެން މީރުކުރާ ޕްލާންޓަށް އެމެރިކާއިން ދިން ހަމަލާއެއްގެ ސަބަބުން 20 ރަށެއްގެ 10،000 މީހުންނަށް ފެން ނުލިބޭ ކަމަށް އީރާނުން ބުނެފައި ވެއެވެ. އަދި އެމެރިކާއިން ބްރިޖުތަކަށާއި ރޭލު ސްޓޭޝަންތަކަށް ހަމަލާދިން ކަމަށް އީރާނުން ކުރި ތުހުމަތު އެމެރިކާއިން ދޮގުކުރި ނަމަވެސް، ހޮރުމޮޒްގާން ޕްރޮވިންސްގެ ބްރިޖަކަށް ހަމަލާދީފައިވާކަން ބީބީސީ ވެރިފައި އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ޓްރަމްޕް ވަނީ އީރާނުން މަޝްވަރާތަކަށް އެނބުރި ނާންނަނަމަ، ބްރިޖުތަކަށާއި ކަރަންޓު ޕްލާންޓުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އަނެއްކޮޅުން، އީރާނުން ކުވައިތަށް ދިން ހަމަލާތަކެއްގައި ކަރަންޓު އުފައްދާ އަދި ފެން ސާފުކުރާ ދެ ޕްލާންޓަކަށް ގެއްލުންވެފައިވާ ކަމަށާއި، އަލިފާން ނިއްވާ މީހުންނަށް އަނިޔާވެފައިވާ ކަމަށް ކުވައިތުން ބުނެފައިވެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑު، އައިއާރްޖީސީއިން ބުނި ގޮތުގައި ކުވައިތުގެ އަލް-އަހްމަދީ ބަނދަރުގައި އޮތް އެމެރިކާގެ ތެޔޮ ފާލަމަކަށާއި، ބަހްރޭންގެ ޝެއިހް އީސާ އެއަރ ބޭސްގައި ހުރި އެމެރިކާގެ މަތިންދާބޯޓު ރާވާ ތަނަކަށް ވެސް ވަނީ ހަމަލާދީފައެވެ. ގަލްފް ކޯޕަރޭޝަން ކައުންސިލްގެ އިސްވެރިޔާ ޖާސިމް މުހައްމަދު އަލްބުދައިވީ ވިދާޅުވި ގޮތުގައި، އީރާނުން އާންމު އުމްރާނީ ތަންތަނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

މި ހަމަނުޖެހުންތައް އިތުރުވެފައިވަނީ، ޖޫން މަހު އިސްލާމްއާބާދުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ރޫޅުމާ ގުޅިގެންނެވެ. ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގައި ޓްރަމްޕް ވަނީ އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކުރައްވާފައެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ގަރީބާބާދީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އީރާނުން ވެސް ވަނީ އެއްބަސްވުމަށް އަމަލުކުރުން މެދުކަނޑާލާފައެވެ. އީރާނުގެ ސުޕްރީމް ލީޑަރ މުޖްތަބާ ހާމަނާއީ ވިދާޅުވީ އެމެރިކާގެ ރައީސްގެ ސޮޔަކީ އެއްވެސް އިތުބާރެއް ނެތް އެއްޗެއް ކަމަށާއި، އީރާނުން އެމެރިކާއަށް ހަނދާން ނުނެތޭނެ ފަދަ ފިލާވަޅުތަކެއް ދޭނެ ކަމަށެވެ.

ހަނގުރާމަ ފުޅާވަމުންދާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ މަސައްކަތް އަލުން ފަށާފައެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި ހޮނިހިރު ދުވަހާ ހަމައަށް ފަސް ބޯޓެއްގެ މިސްރާބު ބަދަލުކުރުވައި، އެއް ބޯޓު ވަނީ ހުއްޓުވާފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އިއުލާނުކޮށްފައެވެ. ޓްރަމްޕް އެންމެ ފުރަތަމަ ނިންމެވީ އެ ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ބޯޓަކުން 20 އިންސައްތައިގެ ފީއެއް ނެގުމަށެވެ. ނަމަވެސް ފަހުން އެ ނިންމެވުން ބަދަލުކުރައްވައި، އޭގެ ބަދަލުގައި ގަލްފުގެ ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތަކެއް ހަދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.