މިއަދު ހަވީރު ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި މީހާ، ނިޔާވާން މެދުވެރިވީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެން ކަމަށް ފުލުހުން ބުނެފިއެވެ.

ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި ބޮޑު އެކްސިޑެންޓެއް ހިނގާފައި ވަނީ މިއަދު ހަވީރު 4 ޖަހާކަށްހާއިރުއެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާސިހު (39އ)އެވެ.

ނާސިހު ނިޔާވެފައި ވަނީ ޓްރެއިލާ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވީ ނަމަވެސް އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސް ސިކުނޑި އޮތީ ބޭރަށް ނުކުމެފައެވެ. އަދި އެ ވަގުތު އޭނާ ނިޔާވި ކަމަށް ވެއެވެ.