މި މަހު އިމިގްރޭޝަނުން 66 ބިދޭސީއަކު އަތުލައިގެންފި

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިމަހު ހިންގި ތަފާތު އޮޕަރޭޝަންތަކުގައި، ޖުމްލަ 66 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހުގެ ތެރޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ އިއްޔެ ކ. ތިލަފުށީގައި ކުރިއަށްގެންދިޔަ ހާއްސަ ރެއިޑް އޮޕަރޭޝަނެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މީގެ އިތުރުން، މި މަހުގެ 8 ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް'ގެ ދަށުން 68 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 7 ބިދޭސީއަކު ވަނީ އަތުލައިގަނެފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލޭގެ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުގައި ހިންގި ރެއިޑްގައި 88 ބިދޭސީއަކު ބަލައި ފާސްކޮށް، އިތުރު 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި އޮޕަރޭޝަންތަކާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމާއި، އުސޫލުތަކާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.