ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރަށް އެހީތެރިވުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި އެ ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ރައްޔިތުންނަށް ހިދުމަތްކޮށް ދެމުން ގެންދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށެވެ.
މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގް އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ ހިދުމަތްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތާރަފްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ ވާހަކައިގައި ވަނީ މިދިޔަ އަހަރު ފެށި ފަސް ފުލުހުންގެ މަރުކަޒެއް ނިންމައި، ހިދުމަތަށް ނެރުނު ކަން ފާހަގަ ކުރައްވައިފައެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ފުލުހުން ގާއިމުވެ ތިބި ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް އެކަށީގެންވާ މަރުކަޒުތަކެއް ގާއިމުކުރެވި އެ މަރުކަޒުތަކުން ދިވެހިންނަށް ހިދުމަތް ދެމުން ގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވި ގޮތުގައި މިއީ 93 އަހަރުވީ ތާރީހުގައި ފުލުހުންނަށް ހިންގާ އިންފްރާސްޓްރަކްޗާގެ އެންމެ ބޮޑު މަޝްރޫއެވެ.
އިހުސާން ވިދާޅުވި ގޮތުގައި ގޭންގު ހަދައިގެން ރަށުތެރޭގައި ހަރަކާތްތެރިވުން މިހާރު ވަނީ ބޮޑު ތަނުން ކޮންޓްރޯލް ކުރެވިފައެވެ. އަދި ކުރިއަށް އޮތް އަހަރަކީ ގޭންގު ހަދައިގެން އުޅޭ ކުދިން އެފަދަ މާހައުލުތަކުން ދުރުކޮށް ރައީސް ޑރ. މުއިއްޒުގެ ތަރައްގީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ސިކުނޑި އާއި ނަފްސު ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން އަލުން މުޖުތަމައުއަށް ނުކުމެ އަބުރުވެރިކަމާއެކު ދިރިއުޅެން މަގުފަހިކޮށްދޭނެ އަހަރަކަށް ކަމަށް އިހުސާން ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2،000 އެއްހާ ބިދޭސީން ހޯދައި ޑީޕޯޓް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
