މާލޭގެ މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓުނު މައްސަލައިގައި އިހުމާލުވި ފަރާތަށް މާލެ ސިޓީ ކައުންސިލުން ފިޔަވަޅު އަޅައިފިއެވެ.
އިއްޔެ މެންދުރު 13:53 އެހައިކަންހާއިރު މަޖީދީމަގުގައި ހުންނަ ޕޮއިސް ފިހާރާގެ މަތީ ފަންގިފިލާގައި، ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.
އަދި އެ ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، މަޖީދީމަގުގެ އިމާރާތެއްގައި މަސައްކަތް ކުރަމުންދިޔަ އިރު ސަލާމާތީ ފިޔަވަޅުތައް ރަނގަޅަށް ނާޅައި ބަލަން ޖެހޭ ވަރަށް ނުބަލައި މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އިއްޔެ ހިނގި ހާދިސާގައި މަސައްކަތުގައި އުޅުނު މުވައްޒަފުންނަށް އެތައް އަނިޔާއެއް ވަނީ ވެފައެވެ.
އެއާއެކު ކައުންސިލުން ވަނީ އެ ކަމުގައި އިހުމާލުވާ ފަރާތް ހޯދާ ފިޔަވަޅު އަޅާ ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ޖޫރިމަނާ ކުރީ ކިހާ އަދަދެއްގެ ފައިސާއިން ކަމެއް ސިޓީ ކައުންސިލުން ހާމަކޮށްފައި ނުވެއެވެ.
މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކައުންސިލުން ވަނީ ސަލާމާތީ ފިޔަވަޅުތަކަށް ސަމާލުކަން ދީ، ގާނޫނާއި ގވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.
