ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރޔ މުއާޒު ހަލީމެވެ. މި މަސައްކަތް ހަވާލު ކުރި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު، ހަސަން ރިފާއީ ބުޝްރީއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ހިދުމަތް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ ފަޔާ ސްޓޭޝަނެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަޔާ ސްޓޭޝަން ގާއިމުކުރެވުމުން، ގއ. އަތޮޅުގެ ސަރަހައްދުގައި ދިމާވާ އަލިފާނުގެ އެކިއެކި ހާދިސާތަކުގައި މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ނާއިބު، ފާތުމަތު މިޒުނާ އަލީ އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޔާސާއި، ފަޔާ އެންޑް ރެސްކިޔު ސާވިސް ހިންގުމާ ހަވާލުވެހުންނެވި، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ތާހިރުގެ އިތުރުން ސާވިސް ކޯގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓްރީއާއި އާރްޑީސީގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
