ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އިސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީސީބީގެ ރައީސްގެ މަގާމަށް ނިޒާރު ކަނޑައަޅުއްވައި މަޖިލީހުގެ ލަފައަކަށް ފޮނުއްވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނިޒާރުގެ ނަން ދިރާސާކުރި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީންވެސް ވަނީ، އޭނާއަކީ އެ މަގާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ހުރި ގާބިލު ބޭފުޅެއް ކަމަށް ނިންމާފައެވެ.
މުހައްމަދު ނިޒާރަކީ ކުންފުނިތައް ހިންގުމާއި، ދައުލަތުގެ ވިޔަފާރި އިދާރާތައް ބެލެހެއްޓުމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. މީގެ ކުރިން 2014 އިން 2019 އަށްވެސް ޕީސީބީގެ ރައީސްކަން ކުރެއްވި ނިޒާރު ވަނީ، އެސްޓީއޯގެ އެކި ދާއިރާތަކުގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ފާހަގަކޮށްލެވެއެވެ.
އޮސްޓްރޭލިއާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ނިޒާރަކީ، މޯލްޑިވްސް ގޭސް ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
