އދ. ގެ ފޯރަމެއްގައި ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ ނެގުމާ ގުޅިގެން، އިންޑިއާއިން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޕާކިސްތާނުން އެ ޕްލެޓްފޯމް ސިޔާސީ ކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އިންޑިއާގެ ފަރާތުން މި މައްސަލައިގައި ވާހަކަދެއްކެވީ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ހުންނަވާ އިންޑިއާގެ ދާއިމީ މަންދޫބު، އެމްބެސެޑަރ ޕަރްވަތަނޭނި ހަރީޝްއެވެ. އޭނާ މިފަދައިން ވިދާޅުވީ، ޕާކިސްތާނުގެ ދާއިމީ މަންދޫބު އާސިމް އިފްތިހާރު އަހްމަދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ޕާކިސްތާނުން އާންމުކޮށް ކަޝްމީރުގެ މައްސަލަ ނަގައެވެ.

ޕާކިސްތާނުގެ ވާހަކަތަކަށް ރައްދުދެއްވަމުން، ހަރީޝް ވަނީ އެ ބައްދަލުވުމުގެ ކޯ-ޗެއަރގެ އަމަލުތަކަށްވެސް ފާޑުވިދާޅުވެފައެވެ. އަދި ޖައްމޫ އެންޑް ކަޝްމީރާ މެދު އިންޑިއާއިން ގެންގުޅޭ ޒަމާންވީ ސިޔާސަތު އޭނާ ތަކުރާރުކުރެއްވިއެވެ. ހަރީޝް ވިދާޅުވި ގޮތުގައި، ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު އަމަލުކުރާނެ ކަމަށް ބެލެވޭ ކޯ-ޗެއަރއަކު އެ ފޯރަމް ސިޔާސީ ކުރުމަށް ފުރުސަތު ދިނުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އަދި ޖައްމޫ އެންޑް ކަޝްމީރަކީ ހަމައެކަނި އިންޑިއާގެ އެތެރޭގެ މައްސަލައެއް ކަމަށާއި، އެކަން އަބަދުވެސް އޮތީ އަދި ކުރިއަށް އޮތް ތަނުގައިވެސް އޮންނާނީ އެހެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އދ. ގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި “ޔޫއެން-80” އޮނިގަނޑުގެ ދަށުން ކުރިއަށްގެންދާ މުރާޖައާގެ މަސައްކަތްތަކާ ގުޅޭގޮތުންވެސް އިންޑިއާގެ މަންދޫބު ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ހުރިހާ މެންޑޭޓްތަކެއް މުރާޖައާކުރަމުންދާ ދަނޑިވަޅެއްގައި، ސަލާމަތީ މަޖިލީހުގެ މެންޑޭޓްތައް މި އޮނިގަނޑުން ބޭރުގައި އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިންޑިއާއިން އދ. ގައި މިފަދަ ހަރުކަށި ރައްދެއް ދީފައި މިވަނީ، އިންޑަސް ވޯޓަރސް ޓްރީޓީއާ ގުޅޭގޮތުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފް އިންޑިއާއަށް އަމާޒުކޮށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ ވާހަކައިގައި، އެ މުއާހަދާ މެދުކަނޑާލައިފިނަމަ ޕާކިސްތާނަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް އިޝާރާތްކުރައްވާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.