މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ، އެއްބާރުލުން ނުލިބޭ މައްސަލަ ހައްލުކޮށްދިނުމަށް އެދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މާލެ ސިޓީ ކައުންސިލުން ހުށަހަޅައިފިއެވެ.

މި ނުތަނަވަސްކަން އުފެދިފައިވަނީ މާލޭގެ ލޯކަލް މާރުކޭޓާ، މަސްމާރުކޭޓު ތަރައްގީކުރުމުގެ "ވެޓް މާކެޓް" މަޝްރޫއާ ގުޅިގެންނެވެ. ސިޓީ ކައުންސިލުން އެލްޖީއޭއަށް ފޮނުވި ސިޓީގައިވަނީ ގާނޫނީ ގޮތުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށާއި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އެދިފައެވެ. އަދި ކައުންސިލުން ގަބޫލުކުރާ ގޮތުގައި، މިހާރު މިނިސްޓްރީން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ވިލަރެސްކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ އެލްޖީއޭ މެދުވެރިވެގެން މިކަމަށް ދާއިމީ ހައްލެއް ހޯދުން މުހިއްމު ކަމުގައި ބަޔާންކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މާރުކޭޓު މަޝްރޫއަށް ކައުންސިލުން ހުރަސްއަޅާ ކަމަށް ބުނެ ސަރުކާރުން ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ކައުންސިލުން ފާހަގަކުރާ މައިގަނޑު ކަންތައްތަކަކީ މި މަޝްރޫއަކީ މީގެ ކުރިން ދެ ފަރާތަކާ އެކު އެއްބަސްވުން ހަދާފައިވާ މަޝްރޫއަކަށް ވާއިރު، ގާނޫނީ ހަމަތަކުގެ މަތިން އެ އެއްބަސްވުންތައް ބާތިލުނުކޮށް ތިންވަނަ ފަރާތަކަށް ބިން ހަވާލުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި މަޝްވަރާކުރުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ހައުސިން މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައިނުވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ބައްދަލުވުންތަކަށް ފުރުސަތު ނުދީ، ހަމައެކަނި ލިޔެކިއުމުން މުއާމަލާތް ކުރުމަށް މިނިސްޓްރީން އަންގާފައިވާއިރު މި މަޝްރޫއު ހަވާލުކުރި ކުންފުނީގެ މައުލޫމާތްތަކާއި، ތަފްސީލުތައް ހިއްސާކުރުމަށް އެދުމުންވެސް އެ މައުލޫމާތު ލިބިފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ މަޝްރޫއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް، ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް ކައުންސިލުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މިނިސްޓްރީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުރިން މަސައްކަތް ހަވާލުކުރި ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް އެދިފައިވީ ނަމަވެސް، ކައުންސިލުން އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކޮށްފައެއް ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވީ ނަމަވެސް، މަސައްކަތް ނުފެށި ލަސްވަނީ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ ކަމަށެވެ.