ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، މިއަދު މާލެއާއި ހުޅުމާލޭގައި ހާއްސަ މޮނިޓަރިން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށް ގެންދިޔައީ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ)" ގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ.

އެގޮތުން މި އޮޕަރޭޝަނުގައި ޖުމްލަ 49 ބިދޭސީއަކު ހުއްޓުވައި، އެ މީހުންގެ ލިޔެކިޔުންތަކާއި ރާއްޖޭގައި އުޅޭ ހުއްދަ ޗެކުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ވަނީ އެމްއެމްސީޕީ އޮޕަރޭޝަންތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ހުއްދަ އޮތް، އަދި ގާނޫނަށް ބޯލަނބާ ބައެއްކަން ކަށަވަރުކުރުމަށް މެދުކެނޑުމެއް ނެތް ގޮތެއްގައި ކުރިއަށްގެންދާނެ ސިލްސިލާ ހަރަކާތްތަކެއްކަމަށް ބުނެފައެވެ.

މި މަހުގެ 2 ވަނަ ދުވަހު މި ޕްރޮގްރާމްގެ ދަށުން މާލޭގެ އާޓިފިޝަލް ބީޗް އަދި ރަސްފަންނު ސަރަހައްދުގައި ވަނީ މޮނިޓަރިން ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތުގައި ޖުމްލަ 52 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމާއި، އުސޫލުތަކާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ނެގެހެއްޓުން ކަމަށެވެ.