ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް 2028 ވަނަ އަހަރުގެ ކުރިން ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ވިލިމާލޭގައި އަލަށް ފެށި "މާލެ ޓެކްސީލައިން" ގެ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ހަވީރު އެ އަވަށު ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އެގޮތުން، މަގުތަކުގެ ތޮއްޖެހުމާއި، ޕާކިންގް މައްސަލަތަކުގެ އިތުރުން އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ސަރުކާރުގެ ވުޒާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަތަކަށް އޮތް ފުރިހަމަ ޕްލޭން ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒު އެ އަވަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މިއީ މި ސަރުކާރުން ވިލިމާލޭގެ ތަރައްގީއަށް ދޭ ސަމާލުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މުޅި މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭ، ހަރުދަނާ ނިޒާމަކަށް ހެދުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރައީސްގެ މެނިފެސްޓޯގައި ވިލިމާލެއަށް ހާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު މި ފެށުނު ޓެކްސީގެ ހިދުމަތަށް އާންމުން ބޭނުންވާ މިންވަރަށް ބަލައި، ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.