ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
ހުޅުމާލެ ފޭސް އެކެއްގައި ހިންގަމުންދިޔަ ގަރާޖްތަކަށް ހާއްސަކޮށް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 20 ބިދޭސީއެއްގެ މައުލޫމާތު ބަލާ ފާސްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.
އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ މާލޭގައި ބިދޭސީން އާންމުކޮށް ހަރަކާތްތެރިވާ ތިން ސަރަހައްދެއް ބަލާ ފާސްކޮށްފައެވެ. އެގޮތުން ރަސްފަންނު ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދުގެ އިތުރުން ހީނާމާގެ ޕާކިން ސަރަހައްދުގައި އުޅުނު 26 މީހަކު ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅުނު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ.
