ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ބުނީ، އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެ މީހާގެ ވީޑިއޯއެއް އާންމުކޮށް ފުލުހުން ވަނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފައެވެ. ފުލުހުން އާންމުކޮށްފައި ވަނީ އޭޓީއެމްއަކަށް އެ މީހާ ވަންނަ މަންޒަރުގެ ސީސީޓީވީ ފޫޓޭޖް އެކެވެ.
އެމީހާ އޭޓީއަމްއަށް ވަންނަނީ އިތުރު މީހަކާއެކުއެވެ. އަދި ފައިސާ ނެގުމަށް ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. ނަމަވެސް އެ ވީޑިއޯ އާއި ގުޅޢ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް އެކި މައްސަލަތަކާ ގުޅިގެން ހޯދަމުން ދާ މީހުންގެ ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދިފައެވެ. މީގެ އިތުރުން އެކި މައްސަލަތަކާ ގުޅިގެން ހޯދަން ޖެހޭ މީހުން ހޯދުމަށް ފުލުހުން ދަނީ ސީސީޓީވީ ފޫޓޭޖްތައް ބޭނުން ކޮށްގެން އާންމުންގެ އެހީއަށް އެދެމުންނެވެ.
