ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް 2026 ރަސްމީކޮށް ފަށައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ 15 އަހަރުން ދަށުގެ ކެޓެގަރީން ހުރަވީ ސުކޫލާއި ޖަމާލުއްދީން ސުކޫލެވެ. 7 މިނެޓުގެ 4 ކުއާޓަރުގެ ކުޅުން ފެނިގެން ދިޔަ މި މެޗު، 23 ޕޮއިންޓް 3 ޕޮއިންޓުން ކާމިޔާބު ކުރީ ހުރަވީ ސްކޫލެވެ. މެޗުގެ ކުޅުން ނިމުމުން، "ކުއީން އޮފް ދަ މެޗް" ގެ މަގާމަށް ހޮވުނު، ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށް ބީއެމްއެލްގެ މައިގަނޑު އެހީތެރިކަމާއެކު ހިންގާ ސްކޫލްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު އެއް ނެޓްބޯޅަ މުބާރާތެވެ.

މީގެ ކުރިން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިންޓަ ސްކޫލް ނެޓްބޯލް ޓޯނަމަންޓްގެ ނަމުގައެވެ. "ބީއެމްއެލް ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް 2026"ގެ ނަމުގައި މިއަދު ފެށި މި މުބާރާތުގައި 2 އުމުރުފުރާއަކުން ޓީމުތައް ވާދަކުރެއެވެ. އެގޮތުން، 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު، އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވާދަކުރެއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލުންނާއި، ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު، އަދި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.