ރާއްޖޭގައި އާންމުކޮށް ފެތުރެމުންދާ ބަލިތައް ކަމަށްވާ ޑެންގީ ހުމާއި، އަރިދަފުސް ރޯގާއާއި، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ބަލިމަޑުކަން އޭޕްރީލް މަހާ އަޅައިބަލާއިރު މެއި މަހު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް ފާހަގަކުރެވެނީ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުތަކުންނެވެ. އެގޮތުން، އޭޕްރީލް މަހު އަރިދަފުސް ރޯގާގެ 24,221 ކޭސް ރިޕޯޓުކޮށްފައިވާއިރު، މެއި މަހު މި އަދަދު ވަނީ 40,457 އަށް އަރާފައެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، އޭޕްރީލް މަހު 178 ސާމްޕަލް ޓެސްޓުކޮށް 67 ސާމްޕަލް ޕޮޒިޓިވްވި ނަމަވެސް، މެއި މަހު 1,032 ސާމްޕަލް ޓެސްޓުކޮށް 680 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މިއީ އޭޕްރީލް މަހާ އަޅައިބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ޑެންގީ ހުމުގެ ކޭސްތައް ވެސް ވަނީ މެއި މަހު އިތުރުވެފައެވެ. އެގޮތުން އޭޕްރީލް މަހު 648 ކޭސް ރިޕޯޓުކޮށްފައިވާއިރު، މެއި މަހު މި އަދަދު ވަނީ 778 އަށް އުފުލިފައެވެ. މިއީ 2025 ވަނަ އަހަރުގެ މެއި މަހު ރިޕޯޓުކޮށްފައިވާ 173 ކޭސްއާ އަޅައިބަލާއިރު ވެސް ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލި ޖެހިގެން އޭޕްރީލް މަހު 3,993 މީހުން ރިޕޯޓުކުރިއިރު، މެއި މަހު އެ އަދަދު ވަނީ 4,726 އަށް އިތުރުވެފައެވެ.

މި ބަލިތައް ފެތުރުން އިތުރުވަމުންދާތީ، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އަންގާފައެވެ. އަދި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އަތްދޮވުމާއި، ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމަށް ވަނީ އިރުޝާދުދީފައެވެ. އަދި ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހައިރިސްކު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ވަނީ ބާރުއަޅާފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާކުރުމަށްފަހު ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ. އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރައްކާތެރި ބޯފެން ބޭނުންކުރުމަށް ވަނީ އަންގާފައެވެ. ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓާއި ދިޔާތަކެތި ބޭނުންކުރުމަށާއި، ކުޑަކުދިންނަށް ގާތުންދިނުން ކުރިއަށް ގެންދިއުމަށް އިރުޝާދުދީފައިވެއެވެ. އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތްތައް ފެނި، ހާލަތު ގޯސްވާނަމަ ނުވަތަ ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.