ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް 352 ބައިވެރިން އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު، ޅ.މާފިލާފުއްޓަށް ފުރައިފިއެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ދިވެހި ވަތަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރޭނިންގެ 3 ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ.
ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑާޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެޒުވާނުންނަށް ތަމްރީނު ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގިދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަތަނީ ހިދުމަތުގެ ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު." ރައީސް ވިދާޅުވިއެވެ.
ނޭޝަނަލް ސާވިސް ޓްރޭނިންގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ވަނީ ބައިވެރިވެފައެވެ.
