ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީއަކު، އޭނާ ރާއްޖެ އައީ އޮޅުވާލުމެއްގެ ތެރެއިން ގުރުއަތަކުން ހޮވިގެން ކަމަށް ކޯޓުގައި ބުނެފިއެވެ.

މިއަހަރު މާޗު މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) ގެ އިތުރުން އިންޑިއާގެ ކަތިރިވިލް މަނިމަރަން (21އ) އަދި ގދ. ގައްދޫ، ހިތިލާގެ، އަލީ އިރުފާން (28އ)އެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ދަނޫޝްކާނދަން ގޯޕާލް (19އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 45 ދުވަސް އިތުރުކޮށްފައެވެ. ދަނޫޝްކާނދަންގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ، އޭނާގެ މުވައްކިލަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށެވެ.

އޭނާ ރާއްޖެއަށް އައީ އޮޅުވާލުމެއްގެ ތެރެއިން ބަޔަކު ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިޔަ "ގުރުއަތަކުން" ހޮވިގެން ކަމަށް ވަކީލުވަނީ ފާހަގަކޮށްފައެވެ. އަދި އޭނާއާ ހަވާލުކުރި ފޮށިތަކަކީ ރާއްޖެއަށް ވިއްކަން ގެންނަ މުދަލުގެ ސާމްޕަލްތަކެއް ކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ވަކީލު ވިދާޅުވިއެވެ. މިއީ މައުސޫމު ކުދިންތަކަކަށް އޮޅުވާލައިގެން، އެކުދިން ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ބައިނަލްއަގުވާމީ ނެޓްވޯކްތަކުން ހިންގާ ޖަރީމާއެއްކަމުގައި ދިފާއީ ވަކީލު ކޯޓުގައި ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވިދާޅުވީ، މިފަދަ އޮޅުވާލުމުގެ މައްސަލަތައް ހިމެނޭ އިތުރު 4 މައްސަލައެއް ފުލުހުން މިހާރުވެސް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ބައިވެރިވުން ހުރި މިންވަރު ތަފާތު ކަމަށާއި، މި މައްސަލައިގައި ހައްޔަރުކުރި ދަނޫޝްކާނދަންގެ އަމަލީ ބައިވެރިވުން ކޮންމެވެސް މިންވަރަކަށް އޮތް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ އަލީ އިރުފާން މިހާރުވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.