ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ކްރެޑިޓް ރޭޓިންގް އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިން އާ ރޭޓިންގާއެކު، އެ ބޭންކުގެ މާލީ ވަރުގަދަކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު ބާރެއް ލިބިއްޖެއެވެ.

ފިޗުން ބީއެމްއެލްގެ 'ލޯންގް ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) އަށް ދީފައިވަނީ 'ސްޓޭބަލް އައުޓްލުކް' އަކާއެކު 'ސީސީސީ-' ރޭޓިންގްއެކެވެ. މީގެ އިތުރުން، ބޭންކުގެ 'ލޯކަލް ކަރަންސީ ލޯންގް ޓާމް އައިޑީއާރު' އަށް 'ސީސީސީ+' ރޭޓިންގް ދީފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ސޮވްރިން ރޭޓިންގް އަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއިން ހާމަކޮށްދެނީ އެހެން ފަރާތަކަށް ބަރޯސާނުވެ ބޭންކުގެ އަމިއްލަ މާލީ ހާލަތު ހުރި ވަރުގަދަކަމެވެ.

މި ކުރިއެރުން ލިބިފައިވަނީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ސަރުކާރުން ކާމިޔާބުކަމާއެކު އަދާކުރުމާއި، އާމްދަނީ އިތުރުކުރުމަށް ގެނައި އިޞްލާޙުތަކާއި، ފޮރިން އެކްސްޗޭންޖް ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން ދާދިފަހުން ވަނީ މަތިކޮށްފައެވެ.

ބީއެމްއެލްއަށް ލިބުނު މި ރޭޓިންގްގަކީ، ގައުމުގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި، ބޭންކުން އަދާކުރާ މުހިންމު ދައުރަށް ބައިނަލްއަގްވާމީ ފެންވަރުގައި ދެވުނު މުހިންމު ވަޒަންކުރުމެކެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އަކީ ރާއްޖޭގެ ބޭންކިންގް ނިޒާމާއި، ބޭރު ފައިސާގެ މުއާމަލާތްތަކާއި، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެވެ.

ފިޗްގެ ރިޕޯޓުގައި ބީއެމްއެލް އިން ބާޒާރުގައި ހޯދާފައިވާ ކުރިއެރުމާއި، ވަރުގަދަ މަގާމާއި، ވާދަވެރި މާހައުލެއްގައި ލިބިފައިވާ ފުރުސަތުތައް ވަނީ ފާހަގަކޮށްފައެވެ. އެ އެޖެންސީން ފާހަގަކުރި ގޮތުގައި ބާޒާރުގައި ބޭންކަށް އޮތް އިސް މަގާމުގެ ސަބަބުން، ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް މަގުފަހިވެގެންދެއެވެ.

މީގެ އިތުރުން، ބޭންކުން ގެންގުޅޭ ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި، އަމިއްލައަށް ރައުސުލްމާލު އުފެއްދުމުގެ ގާބިލުކަމާއި، އަދި ހަރުދަނާ އުސޫލެއްގެ މަތިން ފައިދާ ބެހުމުގެ ސިޔާސަތުގެ ސަބަބުން ބޭންކުގެ ރައުސުލްމާލު ވަރުގަދަވެފައިވާކަން މި ރޭޓިންގްގައި ބަޔާންކޮށްފައިވެއެވެ. މި ކަންކަމުގެ ސަބަބުން، ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ވެސް، ރައުސުލްމާލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭންކަށް ފުރުސަތު ލިބެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، މި ރޭޓިންގުން ހާމަވެގެންދަނީ ބޭންކުގެ ވަރުގަދަކަމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ.

ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ އުނދަގޫ މާހައުލާއި، ވަކިން ހާއްސަކޮށް ބޭރު ފައިސާގެ ދަތިކަން ފިޗުން ފާހަގަކުރި ނަމަވެސް، ބޭންކުގެ ވަރުގަދަ މަގާމާއި، ޑިޕޮސިޓްތަކުގެ ރައްކާތެރިކަމާއި، އަދި ހަރުދަނާކަމާއެކު ފައިސާގެ ދައުރުވުން ބަލަހައްޓަމުންދާ ދިއުމަކީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށް އޮތް ބާރެއްކަން ފިޗުން ވަނީ ކަށަވަރުކޮށްދީފައެވެ.