މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އުސޫލުތަކާ ހިލާފަށް ހިންގާ ބިދޭސީންގެ ވިޔަފާރިތައް ބަލައި ފާސްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި މި މަހު 9 މީހަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަން އިން ބުނީ، މިއަދު ވަނީ ގަވާއިދާ ހިލާފަށް ހިންގާ ކެފޭ އަދި ޓޭކްއަވޭތަކަށް އަމާޒުކޮށް ރޭޑް އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެ އޮޕަރޭޝަނުގައި މާލޭގެ 4 ތަނެއް ބަލައި ފާސްކޮށްފައިވާ އިރު، ޖުމްލަ 6 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. މީގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހަމައެއާއެކު މި މަހުގެ 4 ވަނަ ދުވަހު ވެސް އިމިގްރޭޝަން ޓާސްކް ފޯސްއިން ވަނީ ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ހާއްސަ ރޭޑެއް ކުރިއަށް ގެންގޮސްފައެވެ. އެ ދުވަހު 6 ސަރަހައްދެއް ބަލައި ފާސްކޮށް 17 ބިދޭސީއަކު ޗެކްކޮށްފައި ވެއެވެ. އޭގެ ތެރެއިން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މި މަހުގެ 2 ވަނަ ދުވަހު މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (MMCP) ގެ ދަށުން މާލޭގެ އާޓިފިޝަލް ބީޗް އަދި ރަސްފަންނު ސަރަހައްދުގައި ވަނީ މޮނިޓަރިން ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތުގައި ޖުމްލަ 52 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމާއި، އުސޫލުތަކާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ނެގެހެއްޓުން ކަމަށެވެ. މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފަދަ ރޭޑްތައް ކުރިއަށް އޮތް ތަނުގައި ވެސް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.