މުޖުތަމައުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކޮށްގެން ރައީސް އޮފީހުން އާ ޕޮޑްކާސްޓް ސިލްސިލާއެއް ކަމަށްވާ "ދަ ޕަލްސް" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޕޮޑްކާސްޓަކީ ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރެއްވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި ވަނީ ޝާއިއުކޮށްފައެވެ.
"ދަ ޕަލްސް" ގެ ފުރަތަމަ އެޕިސޯޑް އިފްތިތާހު ކޮށްފައި މި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި އެޕިސޯޑް ހާއްސަކޮށްފައި ވަނީ ތިމާވެށީގެ މައުލޫއަށެވެ. މި އެޕިސޯޑުގައި ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިތުން ފާޅުކުރި ހިޔާލުތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި ކުނި ނައްތާލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.
މިކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއް ނަމަވެސް، ރާއްޖެއަކީ މިދާއިރާއިން ދުނިޔޭގައި ލީޑާޝިޕް ނަގާނެ ގައުމެއް ކަމަށެވެ. އަދި ތަރައްގީ އާއި ތިމާވެށި ހިމާޔަތްކުރުމަކީ ވަށާޖެހޭ ގޮތެއްގައި ގުޅިފައިވާ ދެކަންތައްކަން ފާހަގަކުރައްވައި، ސަރުކާރުން އިފްތިތާހުކޮށްފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ޕޮޑްކާސްޓް ސިލްސިލާ ކުރިއަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރައްވާއިރު، ދެވަނަ ބައި ހާއްސަކޮށްފައި ވަނީ ޒިންމާދާރު ނޫސްވެރިއަކަށް ދެއްވާ އެކްސްލޫސިވް ބަސްދީގަތުމަކަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑްގެ މި ބައިގައި ބައިވެރިވެވަޑައިގަތީ 'ވަގުތު' ނޫހުގެ ނޫސްވެރިޔާ ޔާމީން މުހައްމަދެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ޕޮޑްކާސްޓްގެ މައިގަނޑު މަގްސަދަކީ ކޮންމެ ވަގުތެއްގައި ވެސް ރައްޔިތުންގެ ވިންދު ހުރި ދާއިރާތަކުން ރައްޔިތުންގެ އަޑު ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ފޯރުކޮށްދީ، އެކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.
