ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ، މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ "ނަނާ ހުވަފެނެކެވެ"
"އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އަދުރޭ ވިދާޅުވިއެވެ.
އަދި ރައްޔިތުން ތިބީ ރައީސް މުއިއްޒާއި ސަރުކާރާ އެކުކަން ފާހަގަކުރައްވައި، އިދިކޮޅު އެމްޑީޕީން ދައްކާ "އަވާމެންދުރު" ގަބޫލުނުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އަދުރޭ މިފަދައިން ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ މިއަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އެމްޑީޕީން ހޯދައި، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި ސަރުކާރު ބަދަލުކުރުމަށް ކުރީގެ ރައީސް ޔާމީންވެސް ތާއީދު ކުރައްވައެވެ. އަދި ވެރިކަން ކުރާ ޕީއެންސީގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީއާ ގުޅޭނެ ކަމަށާއި، މަޖިލިސް މެދުވެރިކޮށް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ކާމިޔާބު ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިިދާޅުވިއެވެ.
މީގެ އިތުރުންވެސް އަދުރޭ ވަނީ ސަރުކާރު ޖަވާބު ދާރީ ކުރުވަން އެމްޑީޕީން އެއްވެސް ކަމެއް ނުކުރާ ކަން ފާހަގަކުރައްވާ، ހިތަދޫ އުތުރުގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ވަޑައިގެން ކުރައްވާނެ އިތުރުކަމެއް ވަކި ނޯންނާނެ ކަމަށް ވިދާޅުވެ ރޭ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދުރޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުގެ 3 ބައި ކުޅަ އެއްބައި މެންބަރުން ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފިނަމަ ވޯޓަށް އަހަން ޖެހޭނެ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނު އަސާސީގެ އެންމެ ބޮޑު ހަމަ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަނީ ސަރުކާރު ހިންގަމުންދާ ޕީއެންސީ އަށެވެ. އެގޮތުން މި ހިނގާ 20 ވަނަ މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ.
މަޖިލީހުގެ މެޖޯރިޓީއަކީ 47 ގޮނޑި ކަމަށްވާއިރު ސުޕާ މެޖޯރިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބަޔަށްވާ 70 ގޮނޑި އެވެ. އެމްޑީޕީއަށް ނިސްބަތްވަނީ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 12 މެންބަރުންނެވެ. އަނެއް 6 މެންބަރުންނަކީ ޖޭޕީ އަށާއި އެމްޑީއޭއާއި އެމްއެންޕީގެ އިތުރުން އަމިއްލަ ގޮތުން ހޮވުނު މެންބަރުންނެވެ.
އެހެންކަމުން މަޖިލީހުގެ 3 ބައި ކުޅަ އެއްބައި މެންބަރުން ރައީސްގެ އިތުބާރު ނެތް ކަމަށް އެދޭނަމަ ޖުމްލަ 31 މެންބަރުންގެ ސޮއެއާއެކު ހުށަހަޅަން ޖެހޭނެއެވެ.
