ހުޅުމާލެ ފޭސް 1 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ކަހާލައިގެން ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިދިލިމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހަވީރު 16:42 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދިވެހި ފިރިހެނަކަށާއި ދިވެހި އަންހެނަކަށެވެ. ފުލުހުން ބުނީ، މި ހާދިސާގައި އެކިވަރުގެ އަނިޔާ އެ ދެމީހުންނަށް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ

މި އެކްސިޑެންޓް ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން، މިއަދު ހަވީރު 15:50 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ތިން ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވެފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ރީތިގަސްމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ހާލަތު ވެސް ސީރިއަސްއެއް ނޫނެވެ.