ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ ހަވީރު 15:50 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރީތިގަސްމަގުން ދުއްވާފައި ދިޔަ ތިން ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ދިވެހި އަންހެނަކަށާއި ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ނަމަވެސް، މި ހާދިސާގައި އަނިޔާވި އެއްވެސް މީހެއްގެ ހާލަތު ސީރިއަސް ނޫން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެކްސިޑެންޓްވި ސައިކަލުތަކުގެ ތެރެއިން އެއް ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޓޯ ކޮށްފައެވެ. ފުލުހުން ގެންދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
