ނޫސްވެރިން ހައްޔަރުކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި އެ ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒާ ސުވާލުކުރި ނޫސްވެރިޔާ ދެއްކި ވާހަކަތަކަކީ ފުރަތަމަ އެ މަނިކުފާނު މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގެންނެވި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ ސުވާލުކުރި ނޫސްވެރިޔާ ހައްޔަރުކުރުމާ ގުޅިގެން އެކަމާމެދު ތަފާތު ގޮތަކަށް ވިސްނަވަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ޒާތީ ދިރިއުޅުއްވުމުގެ ކަންކަމަކީ އެހެން މީހުން އަޅާލަންޖެހޭ ކަންތައްތަކެއް ނޫންކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އޭގެ ބަދަލުގައި ނޫސްވެރިން ހައްޔަރުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ހަގީގީ ކަންބޮޑުވުން އޮތް މައްސަލަތައް ކަމަށެވެ.

"ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރު ކުރާތީ، ކަންބޮޑުވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުނުމުގެ މިނިވަންކަމަށް އަރައިގަންނާތީ. އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވޭ އެހެން ކަމަކާއެެއް."
ނަޝީދު

ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައްޔިތުންގެ މާލީ ތަނަވަސްކަމާ ވެސް ސީދާ ގުޅިފައިވާ ކަމެކެވެ. ފާޑުކިޔުމުގެ ފުރުސަތު އޮތުމުން ނުބައި މަޝްރޫއުތައް ހިންގުމާއި ދައުލަތުގެ ފައިސާ އިސްރާފުވުން ހުއްޓުވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ އަމުރާ ހިލާފުވިކަމަށް ނިންމައި ޖަލަށްލާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރެއިން ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި ދެ ނޫސްވެރިންގެ ތެރެއިން ޝަހުޒާން އަށް ފިޔަވަޅު އަޅާފައިވަނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން ކްރިމިނަލް ކޯޓުން މަނާކޮށްފައި ވަނިކޮށް، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. މި މައްސަލައަކީ އެ ނޫހުގެ އިސްވެރިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފު ކުރުމުގެ ދަޢުވާއަކާ ގުޅިގެން ކުރިއަށްދާ މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.