ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ، ގއ. ކަނޑުހުޅުދޫ އަށް ނިސްބަތްވާ މީހަކު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ގއ. ކަނޑުހުޅުދޫ، މުރަކަ، އުމުރުން 43 އަހަރުގެ ޝަރަފުﷲ އިސްމާއީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ޝަރަފުﷲ އިސްމާއީލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މާއްދާގައި ބަޔާންކުރަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމަކީ ބޮޑުވެގެންވާ ކުށެއް ކަމަށެވެ. ޝަރީއަތުގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ރިއާޔަތްކުރުމަށްފަހު، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، މިފަދަ ކުށްތައް ސާބިތުވާ މީހުންގެ މައުލޫމާތު އާންމުކުރުމުގެ މަސައްކަތްވެސް ދައުލަތުގެ އިދާރާތަކުން ދަނީ ފުޅާކުރަމުންނެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު ބެލޭނެ ގޮތަށް ޕޯޓަލެއް މެދުވެރިކޮށް، ކުށްކޮށްފައިވާ މީހުން ދެނެގަނެވޭނެ ނިޒާމެއް ވަނީ ކަނޑައަޅާފައެވެ.