"މޯލްޑިވްސް 2.0" ގެ ދަށުން ދައުލަތުގެ މުއައްސަސާތައް ޒަމާނީކޮށް، ސްމާޓް ޕަބްލިކް ސާވިސަސް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ފެށުނު "އޭޝިއާ މީޑިއާ ސަމިޓު 2024" ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. މި ސަމިޓަކީ އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން މި މަހުގެ 11 އިން 14 އަށް ކުރިއަށްގެންދާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން ފަށާފައިވާ "މޯލްޑިވްސް 2.0" އަކީ ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމާއި، ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ވަރަށް މުހިންމު ޓްރާންސްފޯމަޓިވް އެޖެންޑާއެއް ކަމަށެވެ. މީގެއިތުރުން ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒްކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރުކޮށް، ހާމަކަން ބޮޑު، އަދި ރައްޔިތުން މަރުކަޒުކޮށްގެން ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގު ފަހި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ޖިއޮގްރަފީ ގޮތުން ބެހިފައިވާ ޖަޒީރާ ގައުމަކަށް ޑިޖިޓަލް ޓްރާންސްފޯމަޝަނަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ރަށްތައް އެކި ސަރަހައްދުތަކަށް ބެހިފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށާއި، މިހާރުވެސް އާޓިފިޝަލް އިންޓެލިޖެންސް އާއި އޮޓޮމޭޝަން ފަދަ ޒަމާނީ ވަސީލަތްތައް ދައުލަތުގެ މުއައްސަސާތަކުން ބޭނުންކުރަން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ސަމިޓުގެ ތީމް ކަމަށްވާ "މޯލްޑިވްސް 2.0 – ފްރޮމް ޓްރެޑިޝަން ޓު ޓެކް" އަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ހަމައެކަނި ގައުމީ ޝައުގުވެރިކަމެއް ނޫން ކަމަށާއި، މިއީ ގައުމުތަކުން ޑިޖިޓަލް ބަދަލުތައް ބަލައިގަންނަ ގޮތުގެ ފުޅާ ތަސައްވުރެއް ކަމަށެވެ. އަދި މީޑިއާ އާއި ޓެކްނޮލޮޖީގެ މުސްތަގުބަލު ބިނާކުރަންޖެހޭނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ބައިވެރިވުމުގެ ތެރެއިންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ މީޑިއާ ދާއިރާގެ އިސްވެރިންނާއި ފަންނީ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.