މިއަދަށް ދައްކަން މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ދަރަނި، އިންޑިއާއަށް ދައްކާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން މުއްދަތު ހަމަވި 50 މިލިއަން ޑޮލަރު (ޓީ-ބިލް) މިއަދު ދައްކާ ނިންމާފައިވާ ކަމަށެވެ.

ދަރަނި ދެއްކުމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފާއިތުވި 40 ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ޖުމްލަ 974 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. "އަޅުގަނޑުމެން މި އަންނަނީ މީގެ ކުރިން ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. ރައްޔިތުންގެ ބޮލުގައި ކުރީގެ ސަރުކާރުން އަޅުވާފައި އޮތް ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރަމުން މި އަންނަނީ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާއިން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް 150 މިލިއަން ޑޮލަރު މިވަނީ ދައްކާފައެވެ. ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 17 އެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ މޭ މަހު ދައްކަންޖެހުނު 50 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރަށް ފަސްކޮށްދީފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މާލީ އިދާރާ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިނުވެ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިގްތިސާދާ މެދު ހަގީގަތާ ހިލާފު ވާހަކަދައްކަވައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާތީ އެކަން ރައީސް ވަނީ ކުށްވެރިކުރައްވާފައެވެ.

މީގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދީފައިވާ މި ލޯނުގެ އިންޓްރެސްޓް ފައިސާ ދައްކަނީ އިންޑިއާ ސަރުކާރުން ކަންވެސް ފާހަގަކޮށްލެވެއެވެ.