ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާލޭގައި ހުންނަ ބަނޑޭރިކޮށީގައި ބޮޑު ހައުސިން މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސިފައިންގެ ހިދުމަތް ފެށުނުތާ 134 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، އެ ފަރާތްތަކުގެ ވެލްފެއާ ކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއަކީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މުޅި ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫއު ފެށުމަށްޓަކައި މިހާރު ބަނޑޭރިކޮށީގައި ހުރި ބާ އިމާރާތްތައް އެއްކޮށް ތަޅާލައި، މިވަގުތު އެތަނުގައި ދިރިއުޅެމުންދާ ސިފައިންނާއި އެމީހުންގެ އާއިލާތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް، އެ އާއިލާތައް ބަދަލުކުރާނެ ވަކި ތަނެއް އަދި ކަނޑައެޅިފައިވާކަން އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ. އާ މަޝްރޫއު ނިމިގެންދާއިރު، ކުރިއަށްވުރެ އެތައް ގުނައެއް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް އެތަނުން ބޯހިޔާވަހިކަން ލިބި، އާއިލާތަކާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނޑޭރިކޮއްޓަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭގައި ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް، އެތަނުގެ ހާލަތު މިހާރު ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެތަނަކީ ހިދުމަތުގައި ދެމިހުރިހާ ދުވަހަކު ވަކި އުސޫލަކުން ބޯހިޔާވަހިކަން ދޭ ތަނަކަށްވީ ނަމަވެސް، އެތަނުގެ ބޭނުން ހިފޭ ސިފައިންނާއި އާއިލާތައް ނިސްބަތުން ވަރަށް މަދު ކަމަށެވެ. އަދި ޒަމާންތަކެއްވެފައިވާ އެ އިމާރާތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
