ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ސަފާރީގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އެއާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި އުޅަނދުގެ ބޮޑު ބައެއްގައި ވަނީ ހިފާފައެވެ. އަދި ސަފާރީން ކަޅު ދުން އަރަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާއިރު، އަލިފާން ރޯވި ވަގުތު ސަފާރީގައި މީހުން ތިބިކަން ނުވަތަ ނޫންކަން ވެސް އަދި ސާފެއް ނުވެއެވެ.

މާލެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި އޮންނަ އުޅަނދުފަހަރުގައި މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. މިފަދަ ހާދިސާތައް ގިނައިން ހިނގަން މެދުވެރިވަނީ ކަރަންޓު ޝޯޓެއްވުމުގެ ސަބަބުން ނުވަތަ ގޭސް ފުޅިއެއް ގޮވުން ފަދަ ކަންކަމާ ގުޅިގެންނެވެ.