ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މަޢުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން މިއަދު ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މެއި 3، 2026 ގައި ރަސްމީކޮށް ފެށި މި ތިންވަނަ ފިޔަވަހީގެ މައިގަނޑު އަމާޒަކީ އެއްވެސް ގޮތަކަށް ދައުލަތުގެ ނިޒާމުގެ ތެރޭގައި ރަޖިސްޓަރީނުވެ އަދި ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދާ އެ މީހުންނާމެދު ހަރުކަށި ފިޔަވަޅުއެޅުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި، މަސައްކަތްކުރާ ސައިޓުތަކުގެ އިތުރުން، އާންމުކޮށް ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކުރާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މިއީ މިއީ ކުރީގެ ފިޔަވަހިތަކާ ހިލާފަށް، ކުށްކުރާ ފަރާތްތަކަށް އެއްވެސް ދުލެއް ނުދީ ސީދާ ފިޔަވަޅު އެޅުމަށް ފަރުމާކޮށްފައިވާ މަރުހަލާއެއްކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ސައްހަ ވޯކްޕާމިޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

"އޮޕަރޭޝަން ކުރަނގި" އަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި މެއި 2024 ގައި ކާފު އަތޮޅު ހިންމަފުށީގައި ފެށިއިރު، ދެވަނަ ފިޔަވަހި ފަށާފައިވަނީ ޖުލައި 2024 ގައެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި މޫނު ދެނެގަނެވޭނެ ފޮޓޯ ހިމެނޭހެން ބަޔޯމެޓްރިކްސް މައުލޫމާތު އެއްކުރެވިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.