ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި، އޭގެ ސީދާ މަންފާ ދެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު އިއްވެވި ގުޅިފައިވާ ބަޔާނުގައެވެ.
މިބަޔާނުގައި އެމަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންނެވުމުން އެ ގައުމުން އެމަނިކުފާނުގެ ދެ ކަނބަލުންނާއި ރާއްޖޭގެ ވަފުދަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުނުކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގެ ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ.
އެގޮތުން ރައީސް ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ތައުލީމާއި ތަމްރީނުގެ ދާއިރާއިންނާ، އަރުޝީފުކުރުމުގެ ދާއިރާ އާއި ސިއްހަތާއި ދިފާއީ ދާއިރާ އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު ތަރައްގީ ކުރުމުގެ ދާއިރާއިން ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި އެއްބަސްވުންތައް ހަގީގަތަކަށް ހައްދަވައި ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ފާއިދާ ހޯދައިދެއްވުން ކަމަށެވެ. އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަން ހާމަކުރައްވަމުން ރައީސް ވަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ގާއިމުކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ލަންކާގެ މާކެޓަށް ރާއްޖޭގެ މަހުގެ ޕްރިމިއަމް އުފެއްދުންތައް ތައާރަފުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވަމުންދާކަން ވިދާޅުވެފައެވެ.
