މި ސަރުކާރުން ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ރައްޔިތުން ތަފާތު ކުރުމުގެ ނިޔަތުގައި ކަމެއް ނުކުރާ ކަމަށާއި ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލަކީ ކުލި ކުޑަކުރުމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މުއްތަލިބް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާއެކު ފަހި ފްލެޓްގެ ކުއްޔަށް ބަދަލު ގެނެސްދިނުމަށް އެދެމުންދާތީ ސަރުކާރުން ތަފާތުކުރާ ކަމަށް ބުނެ ކުރި ސުވާލަށް ޖަވާބުދެއްވަމުން މުއްތަލިބް ވަނީ ކުރީ ދެ ސަރުކާރުގެ ހައުސިން ސްކީމްގެ މަޝްރޫއަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެތްތަކުގެ މަޝްރޫއަށް އެ ސަރުކާރުން ކަނޑައެޅި އަގަކީ 5300 ރުފިޔާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭރު އެ ސަރުކާރުން ފްލެޓްތައް ހަވާލުނުކޮށް މަޑުޖައްސާލާފައި ވަނީ އެ ފްލެތްގެ އތެރޭގެ ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަސައްކަތް ނުނިންމާ ރައްޔިތުންނަށް ފްލެޓްތައް ހަވާލު ކުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އޭރު ފްލެޓްގެ އަގު ވެސް ވަނީ 7500 ރުފިޔާއަށް އިތުރުކޮށްފައި ކަމަށާއި އަދި މެއިންޓެނަންސްއާ އެކު 8500 ރުފިޔާގެ މަހު ކުއްޔެއް އެމްޑީޕީ ސަރުކާރުން ކަނޑައެޅި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ފްލެޓްތައްކުގެ ފިނިޝިން މަސައްކަތް ނުނިންމާ ބޮޑު ކުއްޔެއްގައި އެ ފްލެޓްތައް ހަވާލު ކުރުމުގެ ރައްޔިތުން މާލީ ބުރައެއް ޖެހިގެން ދިޔަ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން ފިނިޝިން މަސައްކަތަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ޝަކުވާ ބޮޑުވެފައި ވުމުން މި ސަރުކާރު ވެރިކަމަށް އައީ އެކަމަށް ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް ވައުދުވެގެން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެގޮތުން ފިނިޝިން މަސައްކަތަށް ކޮންމެ ފްލެޓަކަށް ދެ ލައްކައެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ބަލައި އެ އަދަދު ކުލިން ކަނޑަން ނިންމާފައިވާ ކަން މުއްތަލިބް ވިދާޅުވިއެވެ. ހިޔާ ފްލެޓްތަކުގެ ކުއްޔަށް ގެނައި ބަދަލަކީ ކުލި ކުޑަކުރީ ނޫން ކަމަށާއި އެއީ ކުލި ބަރާބަރަށް ދައްކަމުން ދިޔަ ފަރާތްތަކުގެ ކުލިން ދެ ލައްކަ ރުފިޔާއަށް ވާވަރުގެ އަދަދެއް ކެނޑޭނެ ގޮތަށް ކުއްޔަށް ގެނެސްދިން ބަދަލެއް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ހަމައެއާއެކު ކުއްލި ނުދައްކާ ތިބި ފަރާތްތަކަށް ދިން ލުޔަކީ އެފަރާތްތަކުގެ ނުދައްކާ ހުރި ކުލިން އެ އަދަށް ވާ ވަރުގެ ބައެއް މައާފްކޮށް ދިނުން ކަމަށެވެ.
އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ހަރަދު ވާނެ ކަމަށް ލަފާކޮށްފައި ވާ ދެ ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދިނުމަކީ ސަރުކާރަށް މާލި ބުރައަކަށް ވާނެތީ އެ ފައިސާ ކުލިން ކަނޑާލަ ދިނުމަށް ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަހި ފްލެޓްތަކަކީ ހިޔާ ފްލެޓްތަކާ އަޅާ ބަލާއިރު، މާ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ކަމުން އެތަނަށް އަގު ކަނޑައަޅާފައި ވަނީ އެތަނަކަށް އެކަށޭނެ މިންވަރަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން އެއީ ވަކި ޕްރޮޖެކްޓެއް ތަފާތު ކުރުމަށް ކުރި ކަމެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
