ގްލޯބަލް ސުމޫދު ފްލޮޓިލާ އަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެ ހިމެނޭހެން 11 ގައުމަކުން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ދިވެހިރާއްޖެ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިޒްރޭލުން ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާ ހަރަކާތަކީ ގާޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް މަދަނީ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި އިންސާނީ ހަރަކާތެކެވެ.
ނަމަވެސް އެކަމަށް ހުރަސްއަޅާ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އެ އުޅަނދުފަހަރަށް ދިން ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ އެކްޓިވިސްޓުން ޣައިރު ގާނޫނީ ގޮތެއްގައި ހައްޔަރުކުރުމަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ފާޅުކަން ބޮޑު އަމަލުތަކެއް ކަމަށް ބަޔާނުގައި ވެއެވެ.
މި ހަރަކާތުގައި ބައިވެރިވާ މަދަނީ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަޒީރުން ފުންކޮށް ކަންބޮޑުވުން ފާޅުކުރައްވައި، އެ ފަރާތްތައް ވަގުތުން މިނިވަންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން އަދާކުރަންޖެހޭ އަހްލާގީ އަދި ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް ވަޒީރުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެންޖީއޯތަކުގެ މަންދޫބުންނާއި އެކްޓިވިސްޓުންނާއި އެކި ގައުމުތަކުގެ ވޮލަންޓިއަރުން މިދިޔަ އަހަރު އުފެއްދި މި ފްލޮޓިލާއިން ގާޒާއަށް އެހީ ހިފައިގެން ދެވަނަ މިޝަން ފަށާފައި ވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. މި ފަހަރުގެ ދަތުރުގައި ކުރީ ފަހަރު ބައިވެރި ބައިވެރިންގެ ގާތްގަނޑަކަށް ދެ ގުނަ ބައިވެރިން ބައިވެރިވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މީގެ ކުރިން ސެޕްޓެމްބަރު މަހު ކުރި މަސައްކަތުގައި އިޒްރޭޅުގެ ސިފައިން ވަނީ ފްލީޓްގެ އެ އުޅަނދުތަކަށް ހަމަލާދީފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް މިދިޔަ އަހަރު އެއްބަސްވި ނަމަވެސް، އިސްރާއީލުން އަދިވެސް އަންނަނީ އެއްބަސްވުމާ ހިލާފަށް ހަމަލާތައް ދެމުންނެވެ.
